ސްވިޑެން

ސްވިޑަންގައި ތަވްރާތާއި އިންޖީލު މިއަދުގެ ވަގުތެއްގައި އަންދާނެ

ސްވިޑަންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ އިޒްރޭލު އެމްބަސީ ކުރިމަތީގައި މިއަދު އޮންނަ އާންމު އެއްވުމެއްގައި ތަވްރާތު އަންދަން ފުލުހުން ހުއްދަ ދީފި އެވެ. މި އެއްވުމުގައި އިންޖީލުގެ ކޮޕީއެއްވެސް އަންދާނެ އެވެ.

ސިޔާސީ ހަރަކާތްތެރިން އިސްނަގައިގެން އަދި ސްވިޑަންގެ ކޯޓުތަކާއި ސަރުކާރުގެ ރުހުމުގައި މުގައްދަސް ފޮތްތައް އެންދުން ސްވިޑަންގައި ވަނީ އާންމު ކަމަމަކަށް ހަދާފަ އެވެ.

ތަވްރާތު އަންދާނެ ކަމަށް ބުނެ ކުރި އިއުލާންއާ ގުޅިގެން އިޒްރޭލުން ވަނީ މިކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

އިޒްރޭލުގެ ރައީސް އައިސަކް ހަރްޒޮގް ވެސް ވަނީ މި އަމަލުތައް ކުށްވެރިކުރައްވައި -- މި ހަރަކާތްތައް ހުއްޓުވައި ކެންސަލް ކުރުމަށް ސްވިޑަންގެ ބޮޑުވަޒީރަށް ދަންނަވާފަ އެވެ.

އިޒްރޭލުގެ ނޫސްތަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް އައިސަކް ހަރްޒޮގް ވަނީ މުސްލިމުންގެ މުގައްދަސް ފޮތް -- ގުރުއާނަށް އިހާނެތިކޮށް ހިތުން ކުށްވެރި ކުރައްވާފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މުގައްދަސް ފޮތްތަކަކީ ގިނަ ބައެއްގެ ހިތްތަކާ ގުޅިފައިވާ އަދި އެއީ ގިނަ ބަޔަކު ރޫހާނީ ހިތްވަރު ލިބިގަންނަ ވަސީލަތެެއް ކަމަށެވެ.

ސްވިޑަންގައި ގުރުއާން އެންދުމުން މުސްލިމުން ކުރި ހިތާމަ މިއަދު އިޒްރޭލަށް އުފުލަން ޖެހިފައި އޮތް ކަމަށް ހަރްޒޮގް ވިދާޅުވި އެވެ.

މުގައްދަސް ފޮތްތައް އެންދުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސްވިޑަންގައި ކީރިތި ގުރުއާން އަންދާފައި ވަނީ ސްޓޮކްހޯމްގައި ހުންނަ މަރުކަޒީ މިސްކިތް ދޮށުގަ އެވެ. ގުރުއާނަށް ވަރަށް އިހާނެތިކޮށް ހިތައި ސަފުހާތައް ވީދައި އެއިން ދާފޮހުން ފަދަ ވަރަށް ދަށު ދަޖައިގެ އަލުތައް ވަނީ ހިންގާފަ އެވެ.

ސްވިޑަން އާއި ތުރުކީއާ ޖެހިފައި އޮތް މައްސަލައެއްގައި ތުރުކީ އެމްބަސީ ކުރިމަތީގައިވެސް މިއަހަރުގެ ކުރީކޮޅު ސްވިޑަންގެ ބަޔަކު ގުރުއާން އެންދި އެވެ.

މިއީ ޚިޔާލު ފާޅުކުރުމަށް ވުރެ ބޮޑަށް ބަޔަކާ މެދު އޮންނަ ރުޅިވެރިކަމެއްގެ ސަބަބުން ސްވިޑައިން ކުރުވާ ކަމެކެވެ.

ފުލުހުންގެ ހިމާޔަތުގައި އަދި ކޯޓުތަކުން ހުއްދަދީގެން މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގަނީ -- އެ މީހުންގެ ކިބާގައި އިންސާނީ ސޫރަ ވެސް ނެތް ޖާހިލުންނެވެ.

ސްވިޑަންއާ މެދު ބަޔަކު ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ކުރިން -- ސްވިޑަންގައި ހިންގާ މިފަދަ ނާތަހުޒީބު ހަރަކާތްތައް ހުއްޓުވުމަކީ ސަރުކާރުން ކުރަން ޖެހޭ ކަމެއް ކަމަށް އިޒްރޭލުގެ ރައީސް ވިދާޅުވެފައިވެ އެވެ.