އުމަރު ނަސީރު

މިވަގުތަށް ބޭނުމީ މަރުތޭލެއް ހިފައިގެން އަންނަ ވެރިޔެއް: އުމަރު

ރާއްޖެއަށް މިވަގުތު ބޭނުންވަނީ މަރުތޭލެއް ހިފައިގެން އައިސް ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރެވޭ ވަރުގެ ވަރުގަދަ ވެރިޔެއް ކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައި އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ވ. ފުލިދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި އުމަރު ވިދާޅުވީ ކޮންމެ ގައުމެއްގެ ހަޔާތުގައިވެސް ވަރުގަދަ "ސްޓްރޯންގް" ލީޑަރެއް ބޭނުންވާ ވަގުތު އަންނާނެ ކަމަށެވެ. ދިވެހިރާއްޖެއަށް މިއީ އެވަގުތު ކަމަށް ވިދާޅުވެ އުމަރު ވަނީ އޭނާގެ ވެރިކަމެއްގައި ކުރައްވާނެ ބައެއް ކަންކަން ހާމަކުރައްވާފަ އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރައްވާނެ ކަމަށެވެ. އެގޮތުން މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ މީހުންނަށް މަރުގެ އަދަބުދީ މަސްތުވާތަކެތި ހިފައިގެން ރާއްޖެ އަންނަ ބޯޑުތަކަށް ބަޑިޖަހާ ފައްތާލާނެ ކަމަށް ވިދާޅުވި އެވެ. މަސްތުވާތަކެތީގެ މައްސަލައިގައި އޭނާއާ ސަމާސާ ނުކުރެވޭނެ ކަމަށާއި އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މިގައުމުން ކޮރަޕްޝަން ފުނޑާލާނެ ކަމަށާއި އިސްލާމީ ޝަރީއަތުގައިވާ ގޮތަށް ކަންކަން ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެ ނޫން ގޮތަކަށް ރާއްޖެ އަމާން ގައުމަކަށް ނުހެދޭނެ ކަމުގައި ތަކުރާރުކޮށް ވިދާޅުވި އެވެ. ގައުމު އަމާން ނުވެ މިތަނުގައި އިންވެސްޓް ކުރާނެ ބޭރުގެ އިންވެސްޓަރުން ނުތިބޭނެ ކަމަށްވެސް ފާހަގަކުރެއްވި އެވެ.

"މިއީ ތިބޭފުޅުނަށް މަރުތޭލެއް ހިފައިގެން އަންނަ ވެރިޔަކު ބޭނުންވާ ވަގުތު. އެ ވެރިޔަކު އަންނަ ގޮތަށް އައިސް ނުވަދެފައި ހުންނަ މޮހޮރުތައް އެ މޮހޮރުތަކުގެ ބޮލުގައި މަރުތޭލުން ޖަހައި އެ މޮހޮރުތައް ވައްދާ ހަމަކޮށްލާ ކަހަލަ ވެރިޔަކު މިގައުމަށް ބޭނުންވާ ވަގުތު. އެހެންވީމާ އަޅުގަނޑު ތިބޭފުޅުންނަށް ގެނެސްދޭން ބޭނުންވަނީ އެކަހަލަ ވެރިކަމެއް. ކުޅޭކުޅޭ ވެރިކަމެއް ނޫން. ނޯން ނޮންސަސް ވެރިކަމެއް،" މީގެކުރީގެ ކެމްޕޭންތަކުގައި ހުދުވަލަކާއި، ހަރުގަނޑެއްވެސް ޕްރޮމޯޓްކޮށްފައިވާ އުމަރު ވިދާޅުވި އެވެ.

އުމަރު އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގައި ފަސް އަހަރުގެ ވެރިކަމެއް ކޮށްފައި ވެރިން ވަޑައިގަންނަވާތީ ފެންނަމުންދާ ކަމަށެވެ. ނަމަވެސް އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ފަސް އަހަރު ނިންމަވާފައި ވަޑައިގަންނަވާނީ މި ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް ދިވެހި ރައްޔިތުން ބޭނުންވާ ބަދަލު ގައުމަށް ގެނެސްދީފައި ކަމަށް ވިދާޅުވި އެވެ.

"ވެރިކަން ކޮށްފައި ދާން އަޅުގަނޑު ބޭނުންވާނަމަ އަޅުގަނޑު ހުންނާނީ ރާއްޖޭގެ ބޮޑު ސިޔާސީ ޕާޓީއެއްގެ ތެރެއިން ޕާޓީއެއްގައި. ހުރެގެން އަޅުގަނޑަށްވެސް މަސައްކަތް ކުރެވޭ އެންމެ ކައިރި ދޮރަކުން ވަދެގެން ވެރިކަން ކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރަމުން ގެންދާނީ. އެކަމު އަޅުގަނޑު މިމަސައްކަތް ކުރަނީ ދިވެހިރާއްޖެ ބަދަލުކުރަން. ދިވެހިރާއްޖެއަށް މިހިރަ ބޮޑެތި ގޮންޖެހުންތަކުން ދިވެހިރާއްޖެ ސަލާމަތްކުރުމަށް،" އުމަރު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ މިސްރާބު ބަދަލުކޮށް ރާއްޖެ ނުވެސް ދެކޭ ފަދަ ގައުމަކަށް ބަދަލުކުރާނީ ހުޅަނގުގެ މީހުން ބުނާހާ ގޮތެއް ހަދައިގެން ނޫން ކަމަށްވެސް އުމަރު ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގައި ހަދާނީ ރާއްޖެއަށް ބޭނުންވާ ގާނޫނުތައް ކަމަށާއި ސްކޫލުތަކަށް މަސްތުވާތަކެތި ވައްދައި، ގޭންގްތައް ހިންގިޔަ ނުދެއްވާނެ ކަމުގައި ވިދާޅުވި އެވެ. އޭރުން މި ގައުމަކީ އަމާން އަދި މުރާލި ހީވާގި ރައްޔިތަކު ދިރިއުޅޭ ގައުމަކަށް ވެގެންދާނެ ކަމަށް އުމަރު ގަބޫލުކުރައްވަ އެވެ.

"އަޅުގަނޑުމެންގެ ޒުވާން ޖީލަކީ މަތީތައުލީމާއި ހުނަރުން ފައްކާވެފައިވާ ޖީލެއް އުފައްދާ އަހްލާގު ރަނގަޅު ހެނދުނު ހޭލާ މަސައްކަތުގެ ތެރޭގައި މަސްއޫލުވެ އުޅޭ ހީވާގި ވޯކްފޯސްއެއް އުފެއްދުމުގެ މަސައްކަތް އަޅުގަނޑު ކުރާނީ އިރާދަކުރެއްވިއްޔާ. ހަމައެކަނި އަޅުގަނޑު މިއަންނަނީކީ މަރުތޭލެއް ހިފައިގެން ހުރިހާ މޮހޮރު ޖަހާކަށް ނޫން. އެހެނެއް ނޫން ހަމައެކަނި. އެކަމަކު ދިވެހިރާއްޖެ ބިލްޑްކުރަން،" އުމަރު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި އެކި ފިކުރުތަކުގެ އެކި ކުލަ ތަކުގެ ޕާޓީތަކުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން ސިފަކޮށްދެއްވަމުން އުމަރު ވިދާޅުވީ ރައްޔިތުންނަށް ލިބެނީ ހެދިކާ ތަށްޓެއް ކަމަށް ބަލައިގެން ރަނގަޅު ހެދިކާއެއް އިހްތިޔާރުކުރަންޖެހޭ ކަމަށެވެ. އަދި އޭނާ އަކީ ހެދިކާ ތަށީގައި އޮންނަ ހަނޑުލު ގުޅައެއް ކަމަށާއި ބަލައިގެން ދަތް އަޅާ ކާލުމަށް އެ ގުޅަ މީރު ވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ތިބޭފުޅުން ކުރިމަތީ މިފަހަރު ހުންނާނީ ވަރަށް ތަފާތު ހެދިކާތަކެއް. ތިބޭފުޅުން ވިސްނާލައްވާ. އިމޭޖިން ކުރައްވާ ސައި ހޮޓަލަކަށް ތިބޭފުޅުން ވަނީ ސައި ބޯން. ވަންނައިރު މޭޒު މަތީ ހުރޭ ތަފާތު ހެދިކާ އަތުރާފައި. ފުރަތަމަ ބާއްވާފައި އޮތް ހެދިކާ އަކީ ރީނދޫ ކުލައިގެ ރިހަފޮޅިއެއް ފުރަތަމަ ހެދިކާ އަކީ. ތިބޭފުޅުން ނިންމަންވީ މިއޮތް ރީނދޫ ކުލައިގެ ރިހަފޮޅި ތިމަންނަ ކާންވީތޯ. ދެންވެސް އެހެނިހެން ވައްތަރުގެ ހެދިކާ ހުރި. އޭގެތެރެއިން އެތާންގައި އޮންނާނެ ހަރު ހަނޑުލު ގުޅައެއް. އެއީ އަޅުގަނޑު. ހަރު ހަނޑުލު ގުޅައެއް އޮންނާނެ. އެއީ އަޅުގަނޑު،" އުމަރު ވިދާޅުވި އެވެ.

ގައުމުގެ ރައީސަކު ހޮވުމަށް ކޮންމެ ފަސް އަހަރުން އެއް އަހަރު ލިބޭ ވޯޓު ކަރުދާސްކޮޅަކީ ވަރަށް މުހިއްމު އަމާނާތެއް އަދި ވަރަށް މުހިއްމު ޒިންމާއެއް ކަމަށް ބަލައި އެ ޒިންމާ އެންމެ ރަނގަޅަށް އަދާކޮށްދިނުމަށްވެސް އުމަރު އެދިވަޑައިގެންނެވި އެވެ. އަދި ފައިސާއާއި ރަށްޓެެހިކަމަށް ވޯޓު ވިއްކާނުލެއްވުމަށް އުމަރު އިލްތިމާސް ކުރެއްވި އެވެ.