ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފަސް އަހަރު ގައުމަށް ހަމަޖެހުން ގެނެސްދީފި ކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސިޔާމު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހް ފަސް އަހަރުގެ ދައުރު އެ ނިންމާލަނީ އެންމެ ނާއިބު ރައީސްއަކާއެކު ކަމަށެވެ. އަދި މުހިއްމު މިނިސްޓްރީތަކުގެ ވަޒީރުން ބަދަޅުކުރައްވާފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ސިޔާމުގެ ބައެއް ކުންފުނިތަކާ ގުޅިގެން ބޮޑެތި މައްސަލަތަކެއް ކޯޓުތަކުގައި ހިނގަމުން ދަނިކޮށް ސިޔާމު މިއަދު ވިދާޅުވީ ކޯޓުތަކަށް ރައީސް ސޯލިހް ނުފޫޒު ފޯރުވާ މަންޒަރު ފެނިގެން ނުދާ ކަމަށެވެ.
އެންމެ ފުޅާކޮށް ރާއްޖޭގައި ރިސޯޓްތައް ހިންގާ ވިޔަފާރިވެރިންގެ ތެރޭގައިވެސް ހިމެނޭ ސިޔާމު ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން ރިކޯޑް އަދަދަކަށް ޒިޔާރަތްކޮށްފައިވާ ކަަމަށެވެ.
"އާއިލާތަކަށް އުފާވެރިކަން [ލިބިއްޖެ]. މިކަންކަމުން ރަމްޒުކޮށްދެނީ ރައީސް އިބޫގެ ހިންގުންތެރިކަމާއި، ކެތްތެރިކަމާއި، ހިކްމަތްތެރިކަން،" ސިޔާމު ވިދާޅުވި އެވެ.
ރައީސް ސޯލިހްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވި އެމްޑީޕީއާ އެކު ސިޔާމުގެ އެމްޑީއޭ އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމަށް ނިންމީ އިދިކޮޅު ޕީޕީއެމް ޕީއެންސީން ވެސް ކޯލިޝަން ހެދުމަށް ހުށަހަޅާފައި ވަނިކޮށެވެ.
ރައީސް ސޯލިހް ކެމްޕޭން ރަސްމީކޮށް ފެށުމަށް ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވެސް ސިޔާމު ބައިވެރިވެވަޑައިގެން ވާހަކަދެއްކެވި އެވެ.