ފިނިޕޭޖް

އާޝިކީ އަށް ރާހުލްއަށް 47 ފިލްމު ލިބުނު

މަހޭޝް ބަޓްގެ "އާޝިކީ" ކުޅެގެން ލިބުނީ އެންމެ 30،000 ރުޕީސް ކަމަށް އެ ފިލްމުގެ އެކްޓަރު ރާހުލް ރޯއީ ބުނެފި އެވެ.

އާޝިކީ އަކީ 1990 ވަނަ އަހަރު ރާހުލް ބޮލީވުޑަށް ތައާރަފްވި ފިލްމެވެ.

ރާހުލް ވަރަށް ފަހުން ވަނީ އެ ފިލްމުން އޭނާއަށް ފުރުސަތު ލިބުނު ގޮތް ކިޔައިދީފަ އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ރާހުލް ބުނީ އޭނާގެ މަންމައަކީ އާޝިކީގެ ލިޔުންތެރިއެއް ކަމަށެވެ. މި ފިލްމުން ފުރުސަތު ލިބުނީ މަންމަ ގޮސް މަހޭޝް ކައިރީގައި އެ ފުރުސަތު ދިނުމަށް އެދިގެން ކަމަށް ބުންޏެވެ.

ރާހުލް ބުނީ ފުރަތަމަ ފަހަރަށް އޭނާއާއި މަހޭޝް އާއި ބައްދަލުވީ ޖުހޫގައި ހުންނަ މަހޭޝްގެ އޮފީހުން ކަމަށެވެ. ފިލްމީ އިންޑަސްޓްރީގެ އެއްވެސް މީހަކު އޭރު އޭނާއަށް ނޭނގޭ ކަމަށްވެސް ބުންޏެވެ.

"އަހަރެމެން ފުރަތަމަ ބައްދަލުވިތާ ހަތަރެއް ނުވަތަ ހަ މިނެޓުގެ ތެރޭގައި އޭނާ ބުނީ އަހަރެންނަށް ފިލްމުން ރޯލެއް ލިބިފައިވާ ކަމަށް،" ރާހުލް ބުންޏެވެ.

އޭނާ ބުނީ އާޝިކީ ރިލީޒް ކުރުމާ އެކު ފިލްމު އުފައްދާ މީހުންގެ ހުށަހެޅުންތައް ހުއްޓުމެއް ނެތި އޭނާއަށް ލިބުނު ކަމަށެވެ. އަދި 11 ދުވަހުގެ ތެރޭގައި 47 ފިލްމަކަށް އޭރު ސޮއި ކުރި ކަމަށްވެސް ބުންޏެވެ.

އާޝިކީ އަކީ އިންޑިއާގެ ސިނަމާތަކުގައި ވަރަށް ބޮޑަށް މަޝްހޫރު ވެގެން ދިޔަ ފިލްމެކެވެ. މި ފިލްމަކީ ރާހުލް ރޯއީ އާއި އަނޫ އަގްގަރްވާލްގެ ކެރިއަރު ފެށުމަށް އެހީތެރިވި ފިލްމެވެ.