ރ. ފުއްގިރި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދަން ތާވަލްކުރި ޝަރީއަތްވެސް ކެންސަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލުކުރި ޝަރީއަތް ކެންސަލްކުރީ ދައުލަތުން ހުށަހެޅި ހެކިވެރިން ކޯޓަށް ހާޒިރުނުވުމުންނެވެ.
ފުއްގިރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށެވެ.
ފުއްގިރި ކުއްޔަށް ދިން މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.
މިމައްސަލައިގައި ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ވެސް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.
ފުއްގިރި މައްސަލައިގައި މއ. ކުރިކީލަހިޔާ, އަހުމަދު ކުރިކް ރިޒާގެ މައްޗަށްވެސް ދައުވާ އުފުލި އެވެ. ނަމަވެސް ދައުލަތުން އެދިގެން އެ ދައުވާތައް ވަނީ އަނބުރާ ގެނެސްފަ އެވެ.
ކްރިކު ރިޒާގެ ދައުވާތައް އަނބުރާ ގެނައުމާއި ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މީގެ ކުރިން ބުނީ ފުއްގިރި މައްސަލައަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ މައްސަލައެއް ކަމަށާއި މިފަދަ މައްސަލައެއްގައި ދައުވާލިބޭ އެކެއްގެ ބައިގައި ދިމާވި ހާލަތަކާ ކޯޓުގެ ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށް ނުގެންދެވުމަކީ އާންމު މަސްލަހަތު އޮތްގޮތް ކަމަށް ނުފެންނަ ކަމަށެވެ. އަދި ކުރިކް ރިޒާ ހުށަހެޅި ހެކިތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް މިވަގުތަށް މަޑުޖައްސާލީ ފަހުން އެ ދައުވާތައް ހުށަހަޅާ ގޮތަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ ބުނެފަ އެވެ.
ކުރިކް ރިޒާގެ ދައުވާތައް އަނބުރާ ގެނެސްފައިވާއިރު ކުރިކް ރިޒާ ބަލިވެ އުޅޭތީ ފުއްގިރި މައްސަލައިގައި ޖޫން 19 ވަނަ ދުވަހާއި 20 ވަނަ ދުވަހާއި މިމަހުގެ ދެވަނަ ދުވަހާއި ހަތަރު ވަނަ ދުވަހު އަދި ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖެއްސި ޝަަރީއަތް ވަނީ ކެންސަލްކޮށްފަ އެވެ.