ރިޔާސީ އިންތިހާބު 2023

ރިޔާސީ އިންތިހާބަށް ރީ-ރަޖިސްޓްރީ ވުމަށް ހުޅުވާލައިފި

ރިޔާސީ އިންތިހާބަށް ރީ-ރަޖިސްޓްރީ ވުމަށް މިއަދު ހުޅުވާލައިފި އެވެ.

މިފުރުސަތު ހުޅުވާލީ މިއަދުން ފެށިގެން އޮގަސްޓް ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.

ރީ-ރަޖިސްޓްރޭޝަނަށް ޖުމްލަ ތިން ހަފްތާ ހުޅުވާލި ނަމަވެސް އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމަށް ލިބޭނީ ދެ ހަފުތާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އެހެންކަމުން އޮންލައިންކޮށް ރީ-ރަޖިސްޓާވުމުގެ ފުރުސަތު މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ.

އޮންލައިންކޮށް ރީ-ރަޖިސްޓާވުމުގެ ފުރުސަތު ހަމަވި ނަމަވެސް އޮގަސްޓް ފަސްވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހަޅައިގެން ރީ-ރަޖިސްޓާވެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވޯޓުލި މީހުން އަންނަ ރިޔާސީ އިންތިހާބުގައި މާލެ ސަރަހައްދުގައި ވޯޓުލުމަށް ރީ-ރަޖިސްޓާވާން ނުޖެހޭނެ ކަމަށެވެ.

ފުއާދު ވިދާޅުވީ ހުޅުމާލެ އަދި ވިލިމާލޭގައި އުޅޭ މީހުން ބޭނުންނަމަ މާލޭގައި ވޯޓުލުމަށް ރީ-ރަޖިސްޓާވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ރިޔާސީ އިންތިހާބު މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު 604 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވެ އެވެ. ދެވަނަ ބުރެއްގައި ވޯޓުލާން ޖެހިއްޖެނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.