ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ މ. ވޭވަށުގެ ރަށްގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް އެ ދައުރުގެ ތެރޭގައި ފައްޓާވާނެ ކަމުގައި ރައީސް އިބްރާހީމް މުހައްމަދް ސޯލިހު ވިދާޅުވެއްޖެ އެވެ.
ކެމްޕޭން ދަތުރުފުޅެއްގައި މިއަދު މ. ވޭވަށަށް ވަޑައިގަންނަވާ އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ މެނިފެސްޓޯގައި އެ ރަށުގެ ރަށްގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއެއް ހިމަނާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ މެނިފެސްޓޯގައިވާ ގޮތަށް ވޭވަށުގެ ބަނދަރު ނިމިފައިވީ ނަމަވެސް ތިލަ ސަރަހައްދު ތަކެއް ހުރުމުން ބަނދަރު ބޭނުންކުރާއިރު ދިމާވާ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން ދެވަނަ ދައުރެއްގައި އެ މައްސަލަވެސް ހައްލުކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.
ވޭވަށުގެ ބަނދަރުގެ އިތުރުން އެ ރަށުގެ އައުޓޯ ޖިމްގެ މަސައްކަތާއި އާ އިންޖީނުގެ އެޅުމުގެ މަސައްކަތްވެސް ނިމިފައިވާ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ފެނާއި ނަރުދަމާގެ މަޝްރޫއާއި މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތާއި ރަށު ކައިންސިލް އިދާރާގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދާ ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.
ވޭވަށުގެ ޒުވާނުންގެ ހުށަހެޅުމަކާ ގުޅިގެން އެންމެ ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއްވެސް ވޭވަށުގައި އެޅުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރު ވަނީ ފަށާފަ އެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ރަށްތަކުގައި މިހާރު 41 ފުޓުބޯޅަ ދަނޑާއި 70 ފުޓްސެލް ދަނޑުގެ އިތުރުން 17 ވޮލީ ކޯޓާއި 54 އައުޓްޑޯ ޖިމްގެ މަސައްކަތް މިހާރު ނިމިފައިވާނެ ކަމަށެވެ،
"ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކޮށް ރައްޔިތުންނަށް ބޭނުން މިވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން މިދަނީ އެ މަސައްކަތް ބާރަށް ކުރިއަށް ގެންދަމުން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައިސް އިތުރަށް ވިދާޅުވީ ވޭވަށު ކައުންސިލްގެ ހުރިހާ މެންބަރުން އެމްޑީޕީއާ އެކު ތިބުމަކީ އެ ރަށު ރައްޔިތުން ތަރައްގީއާ އެކު ކުރިއަށް ދިއުމަށް ތައްޔާރުވެފައިވާ ކަމުގެ ނިޝާނެއް ކަމަށެވެ.
"އުފާވެރި އަމާން ރާއްޖެއަކަށް އަޅުގަނޑުމެން މިކުރާ ދަތުރުގައި ވޭވަށް އަޅުގަނޑަށް ހަމަޔަގީން، ހިމެނިގެންދާނެ،" ރައީސް ވިދާޅުވި އެވެ.