ފިނިޕޭޖް

ލަވަކިޔުންތެރިޔާ ޖޭން ބާކިން މަރުވެއްޖެ

އެކްޓްރެސް އަދި ލަވަ ކިޔުންތެރިޔާ ޖޭން ބާކިން އުމުރުން 76 އަހަރުގައި މަރުވެއްޖެ އެވެ.

ފަރަންސޭސި ވިލާތުގައި މަސައްކަތްކޮށް ދިރިއުޅުނު ޖޭން މަރުވެފައި އޮއްވާ ފެނުނުކަމަށް އެ ގައުމުގެ މީޑިއާ ތަކުން ރިޕޯޓްކޮށްފައިވެއެވެ. ޖޭންގެ ހިތުގެ މައްސަލަ ހުރިއިރު، އޭނާއަށް ވަނީ 2021 ގައި ސްޓްރޯކެއް ވެސް ޖެހިފަ އެވެ. ޖޭން އަށް 1990ގެ އަހަރުތަކުގައި ލިއުކީމީއާވެސް ޖެހި، ފަރުވާކޮށް ރަނގަޅުވެފައިވެ އެވެ.

އިނގިރޭސި ވިލާތަށް އުފަންވި ޖޭން މެލަރީ ބާކިންގެ ކެރިއާ ފެށީ ކުދި ރޯލުތަކުންނެވެ. އުމުރުން 17 އަހަރުގައި ކޮމްޕޯޒާ ޖޯން ބެރީއާ ދިމާވެ، އުމުރުން 19 އަހަރުގައި އޭނާއާ ކައިވެނިކޮށް އަންހެން ދަރިއެއް ލިބުނެވެ. މި ކައިވެނި ރޫޅުމަށްފަހު 1968 ގައި ފަރަންސޭސި ބަހުގެ ފިލްމެއް ކަމުގައިވާ ސްލޯގަންއަށް އޮޑިޝަންކޮށް، ފަރަންސޭސި ބަސް ނޭގުނަސް ލީޑް ރޯލް ޖޭން އަށް ލިބުނެވެ. އަދި މި ފިލްމްގެ އެކްޓަރު ސާޖް ގެއިންސްބޯ އާ ދިމާވެ، ލޯބީގެ ގޮތުން ގުޅުނެވެ. ފްރާންސަށް ދިރިއުޅުން ބަދަލުކޮށް، ފިލްމް ކުޅުމުގެ އިތުރުން ލަވަތަކެއް ރިލީޒްކުރި އެވެ. މި ގުޅުމަކީ ސާޖްގެ ބަނގުރަލުގެ އެޑިކްޝަނާއި ރުޅިގަދަކަމުން މައްސަލަ ބޮޑުވި ގުޅުމެކެވެ. ޖޭން އާއި ސާޖް ވަކިވިއިރު އަންހެން ދަރިއެއް ލިބިފައިވެ އެވެ.

މީގެ ފަހުން ޑައިރެކްޓަރު ޖަކް ޑްވާޔޯއާއެކު ދެ ފިލްމް ކުޅުމުގެ ތެރޭގައި ލޯބީގެ ގޮތުން ގުޅި، ޖޭންގެ ތިންވަނަ އަންހެން ދަރި ލިބުނެވެ. މި ގުޅުންވެސް 13 އަހަރަށްފަހު ނިމުނެވެ.

ޖޭންގެ ފިލްމީ ހަޔާތުގައި ގިނައީ ފަރަންސޭސި ފިލްމެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ ފަރަންސޭސި އަދި ހޮލީވުޑް ފިލްމްތަކުގެ ތެރޭގައި "ޑެތް އޮން ދަ ނައިލް"، "ޑަސްޓް"، "އީވަލް އަންޑާ ދަ ސަން"، "ލާ ފޭން ޑެ މަ ވީ"، "ލީވް އޯލް ފެއާ"، "ކަންގް ފޫ މާސްޓާ"، "މާސީ ޑޮކްޓާ ރޭ"، "ތެލްމާ، ލުއީސް އެ ޝަންތާލް" ފަދަ ފިލްމުތައް ހިމެނެ އެވެ.

ޖޭންގެ އާޓިސްޓިކް ހުނަރާއި ކޮންޓްރިބިއުޝަންގެ ސަބަބުން އިނގިރޭސި ރާނީ އެލިޒަބަތް 11، "މޯސްޓް އެކްސަލަންޓް އޯޑާ އޮފް ދަ ބްރިޓިޝް އެމްޕަޔާ (އޯބީއީ)"ގެ ޝަރަފް އަރުވާފައިވެ އެވެ.

ލަވަ އާއި ފިލްމް ކުޅުމުގެ އިތުރުން ޖޭން އަކީ ފިލަންތްރޮޕިސްޓެކެވެ. އަދި ފެޝަން އައިކަން އެކެވެ. މިގޮތުން ޖޭންގެ ނަން އެންމެ ފާހަގަވަނީ އާމިސްގެ ލަގްޒަރީ "ބާކިން ބޭގް" އިންނެވެ. މިއީ ޖޭން އިން އިންސްޕަޔާވެގެން 1984 ގައި ހަދާފައިވާ ދަބަހެކެވެ. މިއަދާ ހަމައަށް މި ދަބަސް 10،000 ޑޮލަރުން ފެށިގެން 500،000 ޑޮލަރާ ހަމައަށް ވިކެ އެވެ.