ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތިއުޅެނީ މާފަހަތުގައި، ވާދަކުރަން ނިކުމޭ: ރައީސް

ވާދަވެރިން އަދިވެސް އުޅެނީ މާފަހަތުގައި ކަމަށް ވިދާޅުވެ އެމަނިކުފާނާ ވާދަކުރެއްވުމަށް ނިކުންނެވުމަށް އިދިކޮޅު ފަރާތްތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގޮވާލައްވައިފި އެވެ.

މި. ދިއްގަރުގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ ވާދަވެރިންގެ ފަރާތުން މިއަދުވެސް ފެންނަނީ 2000ގެ ކުރީކޮޅުގައި އެމްޑީޕީން ގެންގުޅުނު އުކުޅުތައް ގެންގުޅޭ މަންޒަރު ކަމަށެވެ. އެހެންވެސް ރައީސް ވިދާޅުވި ގޮތުގައި ވާދަވެރިން އުޅެނީ މާފަހަތު ގައެވެ. އަދި އެމްޑީޕީއަށް ޑިމޮކްރަސީގައި މާބޮޑަށް ކުރިއަށް ދެވިފައިވާ ކަމުގައި ވިދާޅުވި އެވެ.

"ބައެއް ފަހަރު ހިތަށް އަރާ އަޅުގަނޑުމެންގެ ވާދަވެރިންނަށް އުޅެނީ 2000ގެ ކުރީ ކޮޅުގައޭ. އޭރުގައ އަޅުގަނޑުމެން ކުރަން ފެށި ކަހަލަ ކޮންމެވެސް މަންޒަރެއް ބައެއް ރަށްރަށުން އެބަ ފެނޭ. އަޅުގަނޑު ވަރަށް އިހުތިރާމާއެކު އެބޭފުޅުންނަށް މިދަންނަވާލާނީ [ތިކަންކަން] ދޫކޮށްލައްވާށޭ. ރަނގަޅަށް ވާދަވެރި ކެމްޕޭން ކުރައްވާށޭ،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރި ބަޔަކު އެ ޕާޓީ ދޫކޮށް ގޮސްފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ރައީސް ވަނީ ސިޔާސީ ހަލަބޮލިކަމެއް އޮތަސް ފޯރިއާ ޖޯޝާ އެކު ނިކުމެ ކާމިޔާބު ހޯދުމަށް އެމްޑީޕީގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި ރާއްޖެ މިއަދު މިދެކޭ ޑިމޮކްރަސީގައި އެމްޑީޕީއަށް އާދެވިފައިވާ ހިސާބާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ. އަދި އެމްޑީޕީ މިއަދު އޮތް ހިސާބަށް އައީ އިންތިހާބު ތަކުގައި ވާދަކޮށް ނަތީޖާ ނެރެގެން ކަމުގައި ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ އިދިކޮޅު ފަރާތްތަކަށް ވަރުގަދަ މެސެޖެއްވެސް ދެއްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ ތަޅާ ފޮޅުމާއި ހަމަނުޖެހުމާއި ސުލްހަ ގެއްލުވާލުމަށް ކުރާ މަސައްކަތްތަކަށް މިސަރުކާރުން ފުރުސަތު ނުދޭނެ ކަމަށެވެ. ގައުމުގައި ހަމަޖެހުން ގާއިމުކުރުމަށް ފުލުހުންނާއި ސިފައިން މަސައްކަތްކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް އިހްތިރާމާއެކު އެބޭފުޅުންނަށް މި ދަންނަވާލަނީ ދޫކޮށްލައްވާށޭ. ރަނގަޅަށް ވާދަވެރި ކެމްޕެއިނެއް ކުރައްވާށޭ. އަޅުގަނޑުމެން މި ތިބީ ނިކުމެ ވާދަކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރަން." ރައީސް ވިދާޅުވި އެވެ.