ހަބަރު

އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި އިމާރާތެއް އަޅަން ހަތަރު މިލިއަން ރުފިޔާ

އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ދެ ބުރީގެ އިމާރާތެއް އެޅުމަށް ހަތަރު މިލިއަން ރުފިޔާގެ މަޝްރޫއެއް އެމްއެސްބީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑްއާ ހަވާލުކޮށްފި އެވެ. މި ޕްރޮޖެކްޓު ކުރިޔަށް ގެންދަނީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުންނެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ ފަރާތުން ސޮއި ކުރެއްވީ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އަލީ އެވެ. އަދި އެމްއެސްބީ ކޮންސްޓްރަކްޝަން ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑީރެކްޓަރު މޫސާ ނަސީރު އެވެ.

މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިބްރާހިމް ވިދާޅުވީ، ހިތަދޫ ސްކޫލުގައި ހަ ކްލާސް ރޫމް ހިމެނޭގޮތަށް ދެ ބުރީގެ އިމާރާތެއް އަޅަން ހަމަޖެހިފައިވާ ކަމަށާއި އަދި އެކަމަށް ވޯލްޑް ބެންކްގެ ހިލޭ އެހީގެ ދަށުން 4،640،346.95 ރުފިޔާ ހަރަދު ވާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ޕްރޮޖެކްޓު ހަވާލު ކުރި ކުންފުނިން ބުނީ ގާތްގަނޑަކަށް އަހަރެއް ތެރޭގައި ނިންމާލެވޭނެ ކަމަށް. އިރާދަ ކުރެއްވީއާ އަންނަ އަހަރު ސ. ހިތަދޫ ސްކޫލުގެ ދަރިވަރުން ކިޔެވުން ފެށެންވާއިރު މި މަސައްކަތް ނިންމާލެވޭނެ،" އިބްރާހިމް ވިދާޅުވި އެވެ.

ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ އެކި ސްކޫލްތަކުގައި މުޅިއަކު 12 ޕްރޮޖެކްޓެއް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ އިރު، ފަސް ޕްރޮޖެކްޓެއް މިއަހަރު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.