އިލެކްޝަންސް ކޮމިޝަން

ބޭރުގެ ލަފާ ހޯދަނީ ދެފުށްފެންނަ އިންތިހާބެއް ކަށަވަރުކުރަން: އީސީ

ކުރިއަަށް އޮތް ރިޔާސީ އިންތިހާބާ ގުޅިގެން ބޭރުގެ ގައުމުތަކާއި ބޭރުގެ ޖަމިއްޔާތަކާއި އިލެކްޝަންސް ކޮމިޝަނުން ބައްދަލުކޮށް މަޝްވަރާ ކުރަނީ ދެފުށްފެންނަ އިންތިހާބެއް ކަށަވަރު ކުރުމަށް ކަމަށް އިލެކްޝަންސް ކޮމިޝަންއިން (އީސީ) ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިހެން ބުނެފައި މިވަނީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރުއާ އެކު ކޮމިޝަންގެ ބައެއް މެންބަރުން ބައްދަލުކުރައްވާ މަޝްވަރާކުރެއްވި ފޮޓޯ އިލެކްޝަންސް ކޮމިޝަނުން އިއްޔެ އާންމުކުރުމާ އެކު ސޯޝަލްމީޑިއާގައި ކޮމިޝަނަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެންނެވެ.

ފާޑުކީ ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި އިންޑިއާ ސަރުކާރުން ގެންދަނީ ރާއްޖޭގައި މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންނެވެ.

ފާޑުކިޔުންތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކާއި، އެކިއެކި ގައުމުތަކުން އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރަމުން ދަނީ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް ކޮމިޝަނުން އާންމުކޮށް ހުޅުވާލި ފުރުސަތާ ގުޅިގެން ކަމަށެވެ.

"ބޭރުގެ ވީހާވެސް ގިނަ ފަރާތްތަކުން އިންތިހާބު އޮބްޒާވް ކުރެއްވުމަކީ، އިންސާފުވެރި ކަމާއެކީގައި އިންތިހާބުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ލިބޭ ހިތްވަރެއް،" ފާޑުކިޔުންތަކަށް ރައްދުދީ ހަބީބް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުގައި އދ، ޔޫރަޕިއަން ޔޫނިއަން، ކޮމަންވެލްތު، ޔޫއެސް އެއިޑް، އައިއެފްއީއެސް ފަދަ ޖަމިއްޔާތަކުގެ މަންދޫބުންނާއި އޮސްޓްރޭލިޔާ، ކެނެޑާ، ޖަޕާން، އިންޑިއާ އަދި އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުން ވަނީ ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރައްވާފަ އެވެ.

ހަބީބް ވިދާޅުވީ މިބައްދަލުވުންތަކުގައި ވާހަކަދެކެވިފައިވާނީ އިންތިހާބު އޮބްޒާވް ކުރުމާ ބެހޭގޮތުންނާއި، އިންތިހާބަށް ވަމުންދާ ތައްޔާރީތަކާއި ބެހޭ ގޮތުންނާއި، ދެފުށް ފެންނަ، އިންސާފުވެރި އިންތިހާބެއް ބޭއްވުމާ ގުޅޭގޮތުން ކަމަށެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު އެވެ. ދެވަނަ ބުރެއްގެ ވޯޓުލުން ބާއްވަން ޖެހިއްޖެނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.