ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޓޫރިޒަމްގެ ބިޔަ މަޝްރޫއެއް ވ. އަތޮޅުގައި ފަށަނީ

ރާއްޖޭގައި ދެން ފަށާ ޓޫރިޒަމްގެ އެންމެ ބޮޑު މަޝްރޫއު ފަށާނީ ވ. އަތޮޅުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިއުލާނުކުރައްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވ. ކެޔޮދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ ލަސްތަކެއް ނުވެ އެ މަޝްރޫއު ފެށިގެންދާނެ ކަމަށެވެ. ނަމަވެސް މަޝްރޫއުގެ ތަފުސީލެއް ރައީސް ސޯލިހު ނުދެއްވަ އެވެ.

"ޓޫރިޒަމްގެ ބޮޑު އެ މަޝްރޫއު ފެށިގެންދާއިރުގައި ވައިގެ މަގުން މި އަތޮޅާއި ގުޅިގެންދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މަޝްރޫއުގެ ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވާ ކަމަށާއި މާދަމާ އޮންނަ އިކޮނޮމިކް ކައުންސިލްގައި ބައެއް ކަންކަން ނިމިގެންދާނެ ކަމަށެވެ.

އެ މަޝްރޫއާއެކު ވ. އަތޮޅުގައި ޕިކްނިކް އައިލެންޑެއް ހައްދަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ޓޫރިޒަމްގެ އެންމެ ބޮޑު މަޝްރޫއު ވ. އަތޮޅުގައި ފައްޓަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއިރު މިހާރު ރާއްޖޭގައި ގެސްޓްހައުސްގެ ވިޔަފާރި އެންމެ ބޮޑަށް ފުޅާވަމުންދާ އަތޮޅެވެ.

ކުރީގެ ސަރުކާރުތަކުން ވަނީ ވ. އަތޮޅު ބޮޑުމޮހޮރާގައި ފަތުރުވެރިކަމުގެ ބޮޑު މަޝްރޫއެއް ހިންގަން އިއުލާނުކުރި އެވެ. ނަމަވެސް އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވެ އެވެ.

ވ. އަތޮޅަކީ ރާއްޖޭގައި އާބާދީ އެންމެ ކުޑަ އަތޮޅެވެ.