ކްރިމިނަލް ކޯޓް

އައްބާސްގެ ޝަރީއަތް އަނެއްކާވެސް ކެންސަލް

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގައި ހުޅުޖެހުމަށް ގޮވާލުމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ އައްބާސް އާދިލް ރިޒާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލްކުރުމަށްފަހު ވެސް ކެންސަލްކޮށްފި އެވެ.

އައްބާސްއަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމަ ތާވަލްކުރީ މިއަހަރުގެ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހު އެވެ.

އައްބާސްގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް މިއަދާ އެކު ޖުމްލަ ހަތަރު ފަަހަރަކު މަސައްކަތް ކޮށްފި އެވެ. ނަމަވެސް އޭނާއަށް ޗިޓް ރައްދު ކުރެވިފައި ނުވާ ކަމަށް ބުނެ ކޮންމެ ދުވަހަކުވެސް ޝަރީއަތް ކެންސަލްކޮށްލަ އެވެ.

އައްބާސްގެ މައްޗަށް ދައުލަތުން ކުރަނީ "ފަނާކޮށްފާނެކަމުގެ ބިރުދެއްކުން ދައުވާ" އެވެ.

އައްބާސްގެ މައްޗަށް މިދައުވާ އުފުލާފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ "ކްލަބްހައުސް" ގައި މިދިޔަ ޑިސެމްބަރު 22 ވަނަ ދުވަހު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަނުޖެހިގެން ޕެޓްރޯލާއި، ވާބުރި ފަދަ ތަކެތި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާތީ އެވެ.

މީގެއިތުރުން މިދިޔަ ޑިސެމްބަރު 23 ވަނަ ދުވަހު އައްބާސް ބޭނުންކުރައްވާ ޓްވިޓާ އެކައުންޓުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ ޓްވީޓް ކުރުމަކީވެސް އައްބާސްގެ މައްޗަށް މިދައުވާ އުފުލި ސަބަބެކެވެ.

އައްބާސްގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާނެ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގައި ހުޅުޖެހުމަށް ގޮވާލުމުގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު އައްބާސް ހައްޔަރުވެސް ކުރި އެވެ. ނަމަވެސް އޭނާގެ މައްސަލަ ތަހުގީގުކޮށް ނިމުމާ އެކު ފުލުހުން ވަނީ މިދިޔަ ޖެނުއަރީ 13 ވަނަ ދުވަހު ދޫކޮށްލާފަ އެވެ. އޭގެފަހުން އޭނާ ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.

އައްބާސް، ކޯޓަށް ހާޒިރުކުރެވިފައި ނުވާތީ މިދިޔަ މެއި 23 ވަނަ ދުވަހު ފުލުހުން ވަނީ އޭނާ ހޯދަން ވެސް އިއުލާންކޮށްފަ އެވެ.

އައްބާސް އާދިލް ރިޒާއަކީ ރައީސް ވަހީދުގެ ސަރުކާރުގައި ތަރުޖަމާނުގެ ކަމުގެ މަގާމާއި ރައީސް ޔާމީންގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި ކަސްޓަމްސްގެ ވެރިޔާގެ މަގާމުވެސް ފުރުއްވާފައި ބޭފުޅެކެވެ.