އެމްޑީޕީ ރޫޅާ ނުލެވޭނެ ކަމަށާއި އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި "ދަ ޑިމޮކްރެޓްސް" އަކީ އެމަނިކުފާނަށް އޮތް ގޮންޖެހުމެއް ނޫން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ކެމްޕޭންގައި ވ. އަތޮޅާއި މ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަތުމަށްފަހު ފ. ފުލިދޫގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީ ރޫޅާލާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެއްގޮތަކަށް ވެސް އެކަމެއް އިރާދަކުރެއްވިއްޔާ ނުވާނެ" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއްވެސް ބޭފުޅަކު އެމްޑީޕީން ވަކިވުމަކީ ލިބޭ ދެރައެއް ކަމުގައި ވިދާޅުވި އެވެ. ނަމަވެސް ރިޔާސީ ދެވަނަ ދައުރަކަށް އެމަނިކުފާނާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭ އާއި އަދާލަތު ޕާޓީއާ އެކު ސިޔާސަތުތަކަށް ގެނެވޭ ބަދަލާ އެކު ގެއްލިގެންދާ ވޯޓު ހޯދޭނެ ކަމަށް ރައީސް ޔަގީންކުރައްވަ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސް އާއި ރައީސް ނަޝީދަކީ އެމަނިކުފާނަށް އޮތް ޗެލެންޖެއްތޯ ނޫސްވެރިޔަކު ސުވާލުކުރެއްވުމުން ރައީސް ވިދާޅުވީ ޑިމޮކްރެޓްސް އަކީ ވާދަކުރެވޭނެ ބައެއް ނޫން ކަމަށެވެ. ނަމަވެސް އިދިކޮޅު މައި ޕާޓީ -- ޕީޕީއެމް އަކީ ޗެލެންޖު ކުރެވިދާނެ ޕާޓީއެއް ކަމަށް ރައީސް އެއްބަސްވެވަޑައިގަތެވެ.
ރައީސް ސޯލިހް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވަކާލާތު ކުރާނެ މައިގަނޑު ދާއިރާތައް ވެސް ހިއްސާކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ ޝަރުއީ ދާއިރާއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމާއި، އިގްތިސާދު ދެގުނަކުރަން ބޮޑު ބަދަލެއް ގެނައުމާއި، ޒުވާން ޖީލަށް ފުރުސަތު ހޯދައިދިނުމާއި، ސިއްހީ ހިދުމަތްތައް ތަރައްގީކޮށް ފަސޭހަކޮށްދިނުމާއި އަދި އަމާންއަމާންކަން ގާއިމުކުރުމެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވާ ކެންޑިޑޭޓުންނަކީ ރައީސް ސޯލިހްގެ އިތުރުން ޖޭޕީން ގާސިމް އިބްރާހީމް އާއި އެމްއެންޕީން މުހައްމަދު ނާޒިމާއި އަމިއްލަ ގޮތުން އުމަރު ނަސީރެވެ. ދަ ޑިމޮކްރެޓްސް އިން ކެންޑިޑޭޓެއް ނެރޭނެ ކަމަށް ބުނި ނަމަވެސް އަދި ކެންޑިޑޭޓެއް ނުދައްކަ އެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ދީފައިވީ ނަމަވެސް އެމަނިކުފާނު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއް ގައެވެ. ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިހާރު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.