ދަ ޑިމޮކްރެޓްސް

އެމްޑީޕީއާ ގުޅެން ޑިމޮކްރެޓުންގެ ގިނަ މެންބަރުން ދެކޮޅު

އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ދަ ޑިމޮކްރެޓްސް އިންޓަރިމް ކައުންސިލްގައި ހިމެނޭ ގިނަ ބޭފުޅުން ދެކޮޅު ހަދައިފި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުންވެސް ދަ ޑިމޮކްރެޓްސްއަށް ވަނީ ކޯލިޝަން ހެދުމުގެ ހުށަހެޅުމެއް ލިބިފަ އެވެ.

ކޯލިޝަން ހެދުމާ ގުޅޭގޮތުން ދަ ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލްގެ މެންބަރުންގެ ވިސްނުން ހުރި ގޮތް ބެލުމަށް މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ މުސްތަޝާރު ހަސަން ލަތީފް ވިދާޅުވީ ކުރިއަށް ދިއުމަށްޓަކައި ޑިމޮކްރެޓުންވެސް ސިޔާސީ މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ކޯލިޝަން ހެދުމުގެ ހުށަހެޅުން ލިބިފައިވާ ކައުންސިލް މެންބަރުންނަށް ފެންނަ ގޮތްތަކެއް ހުށަހެޅުމަށް ހަސަން އެދިވަޑައިގަތެވެ.

މިމައުޟޫއުގެ ބަހުސްގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވީ ޑިމޮކްރެޓުން ގަބޫލުކުރާ ހަމަތަކުގެ މަތިން ނޫން ގޮތަކަށް އެއްވެސް ގޮތެއް ނިންމުން ރަނގަޅު ނުވާނެ ކަމަށެވެ. އިލްޔާސް ވިދާޅުވި ގޮތުގައި އޮތީ ތިން ގޮތެކެވެ. އެއީ އެމްޑީޕީ ނުވަތަ ޕީޕީއެމް ޕީއެންސީގެ ކޮޅަށް އެރުން ނުވަތަ އެއްވެސް ކޮޅަކަށް ނުގޮސް ތިބުމެވެ.

"[އަޅުގަނޑުމެން] މަޝްވަރާކޮށްގެން ގޮތެއް ނިންމަން ޖެހޭނީ،" އިލްޔާސް ވިދާޅުވި އެވެ.

މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ އެމްޑީޕީ އެކު ކޯލިޝަން ހެދުމާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާފަ އެވެ. އަދި ތިން ގޮތެއް އޮތް ކަމަށް އިލްޔާސް ވިދާޅުވުމުން އެކަމަށްވެސް އީވާ ރައްދު ދެއްވި އެވެ. އީވާ ގަބޫލުކުރާ ގޮތުގައި އިލްޔާސް ވިދާޅުވި ތިން ގޮތުގެ ތެރޭގައި ހިމެނޭ އެމްޑީޕީއާ އެކު ކުރިއަށް ދިއުމަކީ އޮތް ގޮތެއް ނޫނެވެ.

"އެމްޑީޕީއާ ވާހަކަ ދެއްކުމަކީ އޮތް ގޮތެއް ނޫން،" އީވާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަ ޑިމޮކްރެޓްސް ދަށްކޮށްލާ ދެރަކޮށްލަން އެމްޑީޕީން އެ ޕާޓީން ނުހަދާ އެއްވެސް ގޮތެއް ނެތެވެ. އަދި އީވާ ދެކެވަޑައިގަންނަވާ ގޮތުގައި ޑިމޮކްރެޓުންނަށް ހުށަހަޅާނެ އާ ހުށަހެޅުމެއް އެމްޑީޕީއަކަށް މިހާރު ނޯންނާނެ އެވެ.

މިބައްދަލުވުމުގައި ވާހަކަ ދެއްކެވި ދަ ޑިމޮކްރެޓްސްގެ ގިނަ މަޖިލިސް މެންބަރުން ވެސް ވާހަކަދެއްކެވީ އެމްޑީޕީއާ ގުޅުމާ ދެކޮޅަށެވެ. ބައެއް މެންބަރުން ވަނީ އެމްޑީޕީގެ އިސް ބޭފުޅުން ވަކިން ހާއްސަކޮށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ޑިމޮކްރެޓުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވަންޖެހޭނެ ކަމުގައިވެސް ވިދާޅުވެފަ އެވެ.

މިބައްދަލުވުން ނިންމާލީ ކޯލިޝަން ހެދުމާ ގުޅޭ މަޝްވަރާތައް ޑިމޮކްރެޓުންގެ ފަރާތުން ކުރިއަށް ގެންދިއުމަށްޓަކައި ވަކި ކޮމިޓީއެއް އެކުލަވާލުމަށް ނިންމުމަށްފަހު އެވެ.