ފިނިޕޭޖް

ޓޭލާއަށް އަނެއްކާވެސް އާ ރިކޯޑެއް

ލަވަ ކިޔުންތެރިޔާ ޓޭލާ ސްވިފްޓް އަނެއްކާވެސް އާ ރިކޯޑެއް މުގުރާލައިފި އެވެ.

ޓޭލާ މިފަހަރު މުގުރާލި ރިކޯޑަކީ ހަތަރު އަލްބަމް އެއްފަހަރާ ބިލްބޯޑްގެ ޓޮޕް 10 އަށް އެރި ފުރަތަމަ އަންހެން ލަވަކިޔުންތެރިޔާގެ ރިކޯޑެވެ.

މިގޮތުން ބިލްބޯޑްގެ ޓޮޕް 10 ގައި ޓޭލާގެ އެންމެ ފަހުގެ އަލްބަމް "ސްޕީކް ނައު (ޓޭލާސް ވާޝަން) އެއްވަނައިގައި ވަނިކޮށް، ޓޭލާގެ "މިޑްނައިޓްސް"، "ލަވާ" އަދި "ފޯކްލޯ" ވަނީ ޗާޓުގެ 10 ގައި ހިމެނިފަ އެވެ.

މީގެ ކުރިން ދިރިހުއްޓާ މި ޝަރަފް ލިބިފައިވަނީ 1966 ގައި ހާބް އަލްޕާޓް އަށެވެ. އޭގެ ފަހުން 2016 ގައި ޕްރިންސް މަރުވުމާ ގުޅިގެން، ޕްރިންސްގެ ފަސް އަލްބަމެއް ވަނީ ޓޮޕް 10 އަށް އަރާފަ އެވެ. އެހެންކަމުން ޓޭލާއަކީ މި ޝަރަފް ދެވަނަ އަށް ލިބުނު ދިރި ހުރި ލަވަކިޔުންތެރިޔާ އެވެ.

ޓޭލާ މިހާރުވެސް އުޅެނީ އޭނާގެ އީރާސް ޓުއާ ގައެވެ. މިއަހަރުގެ މާޗް 17 ވަނަ ދުވަހު ފެށި ޓުއާ ނިންމާލުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޮގަސްޓް 17 ވަނަ ދުވަހު އެވެ.

މި ޓުއާ އިން އެކަނިވެސް ޖުމްލަކޮށް 1.4 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ޓޭލާއަށް ލިބޭނެ ކަމަށް ބެލެވެ އެވެ.

މި ޓުއާގެ ފުރަތަމަ 22 ހުށަހެޅުމަށްވެސް 300 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ޓުއާގެ ޓިކެޓްތައް ޓިކެޓްމާސްޓާ މެދުވެރިކޮށް ވިއްކަމުންދާއިރު، އެންމެ ދުވަހަކު އެއް ލަވަކިޔުންތެރިއެއްގެ 2.4 މިލިއަނަށްވުރެ ގިނަ ޓިކެޓް ވިއްކާލުމުގެ ރިކޯޑްވެސް ޓޭލާއަށް ވަނީ ލިބިފަ އެވެ.

ޓޭލާއަކީ މިހާތަނަށް 12 ގްރެމީ އެވޯޑް ލިބިފައިވާ ލަވަކިޔުންތެރިއެކެވެ.