ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް އިންސާފު ލިބެންދެން ރިޔާސީ އިންތިހާބު ފަސްކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.
އިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބާރާ ނުފޫޒުގެ ބޭނުންކޮށްގެން ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ބާއްވާ ރިޔާސީ އިންތިހާބެއް އިންސާފުވެރި ނުވާނެ ކަމަށެވެ.
"ރައީސް ޔާމީނަށް އިންސާފު ލިބެންދެން ރިޔާސީ އިންތިހާބު ފަސްކުރުމަށް ގޮވާލަން،" އަބްދުﷲ ވިދާޅުވެފައިވެ އެވެ.
ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ސާބިތުވެ ރައީސް ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ދަށު ކޯޓުން އިއްވާފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވީ ނަމަވެސް މައްސަލަ ބައްލަވާ ބައެއް ފަނޑިޔާރުން މިވަގުތު ޗުއްޓީގައި ތިއްބެވުމާ ގުޅިގެން ރައީސް ޔާމީންގެ ޝަރީއަތް މިހާރު ވަނީ ހުއްޓިފަ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުން ކުރިމަތިލުމަށް މިމަހުގެ 23 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާނެ އެވެ. އެ ފުރުސަތު އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެތީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިހާރު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.
ރައީސް ޔާމީންގެ އިސްތިއުނާފް ނުނިމުނަސް އިދިކޮޅުން ވިސްނަނީ އިންތިހާބުގައި ވާދަކުރުމަށް ޔާމީންގެ ފޯމު ހުށަހެޅުމަށެވެ. ނަމަވެސް ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތީ ފޯމު ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިހާރުވެސް ގެންދަނީ ބުނަމުންނެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހިނދަކު ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ -- ޕީޕީއެމް އިން ރައީސް ޔާމީން ފިޔަވާ އެހެން ކެންޑިޑޭޓެއް ނުދައްކާތީ އެ ޕާޓީގެ ތެރޭގައިވެސް މިހާރު ވަނީ ކޯޅުމެއް އުފެދިފަ އެވެ.