މުހައްމަދު ނާޒިމް

މާލެ ހުޅުމާލެ މޮނޮރެއިލަކުން ގުޅުވައިދޭނަން: ނާޒިމް

ވެރިކަން ލިބިއްޖެނަމަ މާލެއާއި ހުޅުމާލެ، މޮނޮރެއިލް އަކުން ގުޅާލާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

ސަލްޓަން ޕާކްގައި އެމްއެންޕީ އިން ރޭ ބޭއްވި ރިޔާސީ ކެމްޕޭން ހަރަކާތެއްގައި ނާޒިމު ވިދާޅުވީ މާލެ ހުޅުމާލެ ޓްރެއިންއަކުން ގުޅުވާލުމަކީ "ފީޒަބަލް" ކަމެއް ކަމަށެވެ.

ނާޒިމް ވިދާޅުވީ މިއަދުގެ ހާލަތު އޮތްގޮތުން ސިނަމާލެ ބްރިޖުން ދަތުރުކުރަން 40 މިނެޓު ނަގާ ކަމަށެވެ. އަދި މާލެއާއި ހުޅުމާލޭގެ އާބާދީ އިތުރުވަމުން ދިއުމަކީ ސިނަމާލެ ބްރިޖުގައި ދަތުރުކުރާނަމަ ދަތުރަށް އިތުރު ވަގުތު ނަގާނެ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

"މިފަދަ ޓްރެއިންއަކުން ގުޅުވާލީމާ ކާކުތޯ ކޮންމެހެން ކާރުގައި ދާން ބޭނުންވާނީ،" ވިޔަފާރި 101 ނާޒިމާއެކު މިނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ނާޒިމް ވިދާޅުވި އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދައުރުގައި މާލެއާއި ހުޅުމާލެއާ ދެމެދު ބްރިޖެއް އަޅާ ވާހަކަދެއްކުމުން ބައެއް ސިޔާސީ މީހުން އެކަން ނުކުރެވޭނެ ކަމަށް އޭރު ބުނަމުން ދިޔަ ކަމަށެވެ. ނަމަވެސް މިއަދު ބްރިޖުވެސް އޮތީ އަޅާފައި ކަމަށާއި އެހެންކަމުން މޮނޮރެއިލްއެއް އެޅުމަކީވެސް ކުރެވޭނެ ކަމެއް ކަމުގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ޓެކްނޮލޮޖީއާއެކު މިއަދު އެއްވެސް ކަމެއް ނުކުރެވި ހުންނަން ނުޖެހޭނެ ކަމަށާއި ސިނަމާލެ ބްރިޖުގެ އަރިމަތިން މޮނޮރެއިލްއެއް އެޅުމަކީ އެއްވެސް ކަމެއް ނޫންކަމަށްވެސް ނާޒިމް ވިދާޅުވި އެވެ. އަދި އެއީ އާދައިގެ ކަމެއްގެ ގޮތުގައިވެސް ސިފަކުރެއްވި އެވެ.

ނާޒިމު ވިދާޅުވީ މި މަޝްރޫއަށް ބޭނުންވާ ފައިސާވެސް ލިބޭނެ ކަމަށާއި އެއީ ސިނަމާލެ ބްރިޖަށް ވުރެވެސް އަގުހެޔޮ މަޝްރޫއަކަށް ވެގެންދާނެ ކަމަށެވެ. ސިނަމާލެ ބްރިޖުވެސް އަޅާފައިވަނީ ޗައިނާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ބޮޑު އަދަދެއް ދީގެން ކަމަށްވާތީ މޮނޮރެއިލް މަޝްރޫއު އަގުހެޔޮވުމުން ފައިސާ ހޯދަން ފަސޭހަ ވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ޔާމީނާ އެކު ސިނަމާލެ ބްރިޖް އެޅުމުގެ މަސައްކަތުގައިވެސް ނާޒިމް ވަނީ ބައިވެރިވެފަ އެވެ. އެހެންކަމުން ނާޒިމް ވިދާޅުވީ ސިނަމާލެ ބްރިޖުގައި މޮނޮރެއިލްއެއް ސަޕޯޓުކުރުމުގެ ވަރު ހުންނާނެ ކަމަށާއި ބްރިޖުގެ ފުރަތަމަ ކުރެހުންތަކުގައި އޮތީ ހަ ލައިނަށް ހަދާފައި މޮނޮރެއިލްއެއް އަޅާ ގޮތަށް ކަމަށްވާތީ މިހާރުވެސް އެކަން ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ބަލަންވީ ނުކުރެވޭނެއޭ ކިޔުމެއް ނޫން. ކުރެވޭނެ، ކުރާނަން،" ނާޒިމު ވިދާޅުވި އެވެ.

ނާޒިމު އިތުރަށް ވިދާޅުވީ ވެރިކަން ލިބިއްޖެނަމަ، ލިބިގެންދާ ފަސް އަހަރުގެ ތެރޭގައި މޮނޮރެއިލް އަޅާފައި ދައްކާނެ ކަމަށެވެ.

ސިނަމާލެ ބްރިޖްގެ މަޝްރޫއަށް ހޭދަވެގެން ދިޔައީ 210 މިލިއަން ޑޮލަރެވެ. ދެ ކިލޯމީޓަރާ ގާތްކުރާ ދިގުމިނުގެ ސިނަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ކުރީ ގާތްގަނޑަކަށް 30 މަސް ދުވަހު އެވެ.