ވ. ފޮއްތެޔޮފަޅު ވިއްކާލުމާ ގުޅޭގޮތުން އަތޮޅު ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާކޮށްފައި ނުވާ ކަމަށް ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވެއްޖެ އެވެ.
ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ އަވަސް އަށް މައުލޫމާތު ދެއްވި ގޮތުގައި ފަޅު ވިއްކުމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި ވާހަކަ ދެއްކުމުން އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ވ. އަތޮޅުގެ ކައުންސިލާއި ހިއްސާވެސް ނުކުރި ކަމަށެވެ.
ޝުޖާއު ވިދާޅުވީ މި މަޝްރޫއުގެ ތެރޭގައި ހިމެނޭ "ގޮތްނޭނގޭ" ކަންކަން ކައުންސިލަށް އެނގިފައި ނުވާތީ ފޮއްތެޔޮފަޅުގެ މައްސަލައިގައި ގޮތްތަކެއް ނިންމަންވެސް މިވަގުތައް ދަތިތަކެއް އެބަހުރި ކަމަށެވެ.
"މިކަމާ މެދު ގޮތެއް ނިންމަން އާނއެކޭ ނުވަތަ ނޫނެކޭވެސް މިވަގުތު ބުނެވޭކަށް ނެތް. މިމަޝްރޫއުގެ ތެރެއިން ވ. އަތޮޅުގެ ރައްޔިތުންނަށް ލިބޭ ފައިދާ ތަކަކީ ކޮބައި ކަމެއްވެސް އަދި ނޭނގޭ،" ޝުޖާއު ވިދާޅުވި އެވެ.
އެމްޑީޕީން ވަކިވި ބޭފުޅުން އުފެއްދި "ދަ ޑިމޮކްރެޓްސް"އަށް ސޮއިކުރައްވާފައިވާ ޝުޖާއު ވިދާޅުވީ ވ. ފޮއްތޮޔެފަޅަކީ ބޮޑު ސަރަހައްދަކަށްވާތީ އެ ފަޅުން ވިއްކާލާ ސަރަހައްދުވެސް މުޅިން ސާފު ނުވާ ކަމަށެވެ.
ފޮއްތެޔޮފަޅަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ފަޅު ކަމަށާއި އެ ފަޅަކީ ދުނިޔޭގައި ފަސްވަނައަށް އެންމެ މަގުބޫލު ޑައިވިން ސްޕޮޓާ ގުޅިފައިވާ ފަޅު ކަމަށްވެސް ޝުޖާއު ފާހަގަކުރެއްވި އެވެ. އަދި އެ ފަޅަކީ މަސްވެރިިން އެން ދެމުމަށާއި އެހެނިހެން ބޭނުންތަކަށް ވެސް އާންމުކޮށް ބޭނުންކުރާ ފަޅެއް ކަމުގައި ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ ފޮއްތެޔޮފަޅު އެހެން ބައެއް އަތޮޅުތަކުގެ ރައްޔިޔުންވެސް އެކި ކަންކަމުގައި ބޭނުންކުރާތީ އެ ފަޅު މުހިއްމު ވަނީ ހަމައެކަނި ވ. އަތޮޅުގެ ރައްޔިތުންނަށް އެކަނި ނޫން ކަމަށެވެ.
"އެހެންވެ މި ފަޅުން ވިއްކާލައިގެން ވ. އަތޮޅުގެ ރައްޔިތުންނަށް ހުރި ފައިދާއަކީ ކޮބައިކަމާއި އަދި އިތުރު މައުލޫމާތު ހޯދުމަށް އަޅުގަނޑުމެން ޓޫރިޒަމް މިނިސްޓްރީއާ ސުވާލުކުރިން. އޭގެފަހުން އެއްވެސް މައުލޫމާތެއް ނުލިބެ،" ޝުޖާއު ވިދާޅުވި އެވެ.
ފޮއްތެޔޮފަޅު ވިއްކާލަނީ ކަމަށް ބުނެ ވ. އަތޮޅު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައި މިވަނީ ކެމްޕޭން ދަތުރުފުޅެއްގައި ރައީސް ސޯލިހް އިއްޔެ ވ. ކެޔޮދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ދެން ފަށާ ޓޫރިޒަމްގެ އެންމެ ބިޔަ މަޝްރޫއު ފަށާނީ ވ. އަތޮޅުގައި ކަމަށް އިއުލާން ކުރައްވާފައި ވަނިކޮށެވެ. ރައީސް ވިދާޅުވި ގޮތުގައި މިމަޝްރޫއުގެ މައުލޫމާތު އާންމުކުރާނީ މިއަދު ބާއްވާ އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމަށްފަހު އެވެ.
ފޮއްތެޔޮފަޅު ބޭރުގެ އިންވެސްޓަރަކަށް ދިގު މުއްދަތަކަށް ދޫކޮށްލަނީ ކްރޮސް ސަބްސިޑީ އުސޫލުން ކަމަށް އެނގިފައިވެ އެވެ. ކްރޮސް ސަބްސިޑީ އަކީ ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ އިގްތިސާދީ އަދި އިޖުތިމާއީ މަޝްރޫއެއް ހިންގަން އަމިއްލަ ފަރާތަކުން އިންވެސްޓް ކުރުމުން، އެ މަޝްރޫއުގ ބަދަލެއްގެ ގޮތުގައި ސަރުކާރުން ދޫކުރާ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެކެވެ. މިއުސޫލުން ތަންތަން ދޫކުރުމުގެ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.
ފޮއްތެޔޮ ފަޅު ވިއްކާލާފައިވާ އެކަމުގެ ހިޔާނާތުގެ ބޮޑު ޖަރީމާއެއް ހިންގާފައިވާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް އިން ވަނީ އެ މައްސަލަ ބެލުމަށް އޭސީސީއަށް ގޮވާލާފަ އެވެ.