ފައްޔާޒް އިސްމާއީލް

ރަނިންމޭޓަކަށް ވުމަށް ޝައުގެއް ނެތް: ފައްޔާޒު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރަނިންމޭޓަށް ވުމަށް އެއްވެސް ޝައުގެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވީ ރައީސް ސޯލިހްގެ ރަނިންމޭޓް ކަނޑައެޅުން ގަދަހިފުމަކަށް ގޮސްފައިވާ ކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ރިޕޯޓެއްގައި ރަނިންމޭޓުންގެ ލިސްޓްގައި އޭނާގެ ނަންވެސް ހިމަނާފައިވާތީ އެކަމަށް ރައްދުދެއްވަމުންނެވެ.

ފައްޔާޒު ވިދާޅުވީ ރައީސް ސޯލިހް ރަނިންމޭޓް ކަމަށް އޭނާ ޝައުގުވެރިވާ ވާހަކަ ކޮންމެވެސް ސަބަބަކާ ހުރެ ދައްކަވަމުން ގެންދަވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ކަމަށެވެ.

"އެއީ ވަރަށް ދެރަ ކަމެއް،" މޫސަ ޓެގް ކުރައްވާ ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ލިޔުއްވާފައިވެ އެވެ.

ވ. އަތޮޅާއި މ. އަތޮޅަށް ރައީސް ސޯލިހް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވަނީ ރަނިންމޭޓެއް ކަނޑައެޅުމުގެ މައްސަލައިގައި ވާހަކަދައްކަވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ ރަނިން މޭޓަކަށް އެކި ބޭފުޅުންގެ ނަންތައް އަންނަމުންދާ ކަމަށާއި، އެކަމުގެ މަޝްވަރާތައް ޕާޓީގެ އިސް ބޭފުޅުންނާއެކު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ރަނިންމޭޓެއް ކަނޑައެޅުމުގެ މައްސަލައަކީ އެމަނިކުފާނަށް ގޮތް ނިންމަވަން އުދަނގޫ މައްސަލައެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސްގެ ރަނިންމޭޓުންގެ ލިސްޓްގައި އޮތް ކަމަށް އެންމެ ބޮޑަށް ވާހަކަ ދެކެވެނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން މިދިޔަ ރިޔާސީ އިންތިހާބުގައިވެސް ރައީސްގެ ރަނިންމޭޓެއްގެ ގޮތުގައި ހުންނެވި މިހާރުގެ ނައިބް ރައީސް ފައިސަލް ނަސީމުގެ ނަމެވެ.