އިލެކްޝަންސް ކޮމިޝަން

20 ވަނަ މަޖިލީހަށް ހަ ގޮނޑި އިތުރުވާނެ: އީސީ

ރައްޔިތުންގެ މަޖިލިސް އަންނަ އަހަރު އިންތިހާބުކުރާއިރު ހަ ގޮނޑި އިތުރުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

މިހާރު ހިނގަމުންދާ 19 ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ 87 މެންބަރުންނެވެ. ކުރިއަށް އޮތް މަޖިލީހުގައި ހަ ގޮނޑި އިތުރުވާނަމަ 93 މެންބަރުން އިންތިހާބުކުރަން ޖެހޭނެ އެވެ.

ގޮނޑި އިތުރުވާ އަތޮޅުތައް

  • މާލެ ސިޓީއަށް ދެ ގޮނޑި
  • އައްޑޫ ސިޓީއަށް އެއް ގޮނޑި
  • ކ. އަތޮޅަށް އެއް ގޮނޑި
  • ބ. އަތޮޅަށް އެއް ގޮނޑި
  • ގއ. އަތޮޅަށް އެއް ގޮނޑި

މާލޭގައި މިހާރު ތިއްބެވީ 15 މެންބަރުންނެވެ. އައްޑޫގައި މިވަގުތު ހަތް މެންބަރުން ތިއްބެވިއިރު ކ. އަތޮޅާއި، ބ. އަތޮޅާއި އަދި ގއ. އަތޮޅުގައި މިވަގުތު ތިއްބެވީ ކޮންމެ އަތޮޅެއްގައި ތިން މެންބަރުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނުގެ އަށްވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް ގެނެވޭ ބަދަލު ކޮމިޝަނުން މިއަދު ފާސްކޮށްފައިވާ ކަމަށެވެ.

"ކޮންމެ އިދާރީ ދާއިރާއެއްގެ ރަޖިސްޓަރީ ކުރެވިފައިވާ ޖުމްލަ އާބާދީގެ އަދަދުތަކުގެ ތަފްސީލް ކޮމިޝަނުން ވަރަށް އަވަހަށް އާންމުކުރާނެ،" ހަބީބް އެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވާނީ އާބާދީގެ ކޮންމެ 5،000 މީހަކަށް މެންބަރެކެވެ. ގާނޫނުއަސާސީ މިހާރު އޮތް ގޮތުން އާބާދީ އިތުރުވާ ވަރަކަށް މެންބަރުންވެސް އިތުރުވެ އެވެ. އެއީ ބޮޑު ކަންބޮޑުވުމެއް ކަމަށް ދެކިގެން ބައެއް މަޖިލިސް މެންބަރުން މީގެ ކުރިން ވަނީ މެންބަރުންގެ އަދަދު ހިފެހެއްޓުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާފަ އެވެ. ނަމަވެސް މިފަދަ އިސްލާހުތައް މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ.