ފިނިޕޭޖް

"ބޮނީ އެމް"ގެ ލިޒް މިޗެލް އެކްސިޑެންޓް ވެއްޖެ

މަޝްހޫރު "ބޮނީ އެމް" ބޭންޑްގެ ލިޒް މިޗެލް، 71، އެކްސިޑެންޓް ވެއްޖެ އެވެ.

ލިޒްގެ ތަރުޖަމާން ބުނިގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު 11:40 ހާއިރު ފިރިމީހާ ތޯމަސްއާ އެކު ކާރު ދުއްވާފައި ދަނިކޮށް، ކުރިމަތިން އައި ކާރެއްގެ ސަބަބުން އަނބުރާލަންޖެހި، މަގުގެ އެއްފަރާތުގައި އޮތް ވަޅުގަނޑަކަށް ލިޒްގެ މާސިޑިސް ކޮންމެވެސް ވަރަކަށް ވެއްޓުނު ކަމަށެވެ.

މި އެކްސިޑެންޓްގެ ސަބަބުން ދެމަފިރިންނަށް ކުދި އަނިޔާ ލިބުމުގެ އިތުރުން ލިޒްގެ އަތް ބިންދައިގެން ގޮސްފައިވާ ކަމަށް ތަރުޖަމާން ބުންޏެވެ.

އެމެޖެންސީ ސާވިސް އާއި ޕީޓާބަރާ ހޮސްޕިޓަލްގެ މުވައްޒަފުންނަށް ތައުރީފްކުރަމުން ލިޒް ބުނީ އެ ދެމަފިރިންވެސް އެކްސިޑެންޓްވީ ތަނުގައި އަދި ހޮސްޕިޓަލްގައި ފަރުވާދީ އެހިތެރިވެދިން ހުރިހާ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

ލިޒް އެކްސިޑެންޓްވި ނަމަވެސް އަންނަ މަހު އެމެރިކާގައި ބާއްވާ ކޮންސަޓް ޓުއާ ކުރިއަށް ގެންދިއުމަށް އުއްމީދު ކުރާ ކަމަށްވެސް ތަރުޖަމާން ބުންޏެވެ.

ކެމްބްރިޖްޝަޔާ ޕޮލިސް އިން ބުނީ ވަޅުގަނޑަކަށް އަރިއަޅާފައިވާ ކާރަކަށް އެހީވާންދިޔަ ކަމަށާއި އެ ކާރުގެ އަންހެން ޑްރައިވަރު ތާށިވެފައި ވަނިކޮށް ސަލާމަތްކުރެވުނުއިރު ފިރިހެން ފަސިންޖަރު އަމިއްލައަށް ކާރުން ނިކުން ކަމަށެވެ. އަދި އަންހެން ޑްރައިވަރަށް ޕީޓާބަރާ ސިޓީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ކަމަށެވެ. ލިޒް އެކްސިޑެންޓްވީ ހިސާބަކީ މަގުތައް ނުރައްކާތެރި ހިސާބެއް ކަމަށް ބެލެވޭ ހިސާބެކެވެ.

ޖެމޭކާ – ބްރިޓިޝް ލިޒް އަކީ 1976 ގައި ހެދި ބޮނީއެމްގެ ލީޑް ސިންގަރެވެ. މި ބޭންޑަކީ "ޑެޑީ ކޫލް"، ރިވާސް އޮފް ބާބިލޮން"، "ބްރައުން ގާލް އިން ދަ ރިން"، "ރަސްޕިއުޓިން"، "މާ ބޭކާ" އަދި "މޭރީސް ބޯއި ޗައިލްޑް" ފަދަ ހިޓް ލަވަ ކިޔާފައިވާ ބޭންޑެކެވެ. މި ބޭންޑް ރޫޅުމަށްފަހު، އަލުން ފަށައި އަދި ހުއްޓިފައިވެ އެވެ. ލިޒް މިހާރު ކޮންސާޓް ޓުއާ ބާއްވަނީ "ބޮނީ އެމް ފީޗަރިން ލިޒް މިޗޭލް"ގެ ނަމުގައެވެ.