އެމެރިކާގެ ކޮނޑަށް އަތްލައިގެން އިޒްރޭލުން ވޭތިކުރި އެކުވެރި ދުވަސްތައް ގެއްލިއްޖެ ކަމަށް އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޔައީރު ލަޕީދު ވިދާޅުވެއްޖެވެ.
އެމެރިކާއާ އެކު ކުރިން އޮތް ވަރުގެ ހަރުދަނާ ގުޅުމެއްވެސް މިހާރަކު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން އިޒްރޭލަށް ކުރިން ކަމޭހިތި އެތައް ބަޔަކު ފެއަށް ޖެހިފައިވާ ކަމަށްވެސް ޔައީރު ލަޕީދު ވިދާޅުވި އެވެ.
އިޒްރޭލަށް އަހަންމިޔަތުކަމެއް ދިނުމަކީ އެމެރިކާއަށް މާބޮޑު ކަމަކަށް މިހާރު ނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ޝަރުއީ ނިޒާމު އިސްލާހުކުރުމަށް ކަމަށް ބުނެ ގެންނަން މަސައްކަތްކުރާ ބަދަލުތަކަށް އެމެރިކާގެ ތާއީދު ނެތް ކަމަށާއި -- އެމެރިކާ އަކީ އިޒްރޭލަށް ހެޔޮ ވިސްނައިދޭ ވަރުގެ ގައުމެއްކަން ނަތަންޔާހޫ ގަބޫލުނުކުރައްވާ ކަމަށްވެސް ލަޕީދު ވިދާޅުވި އެވެ.
ސަރުކާރު ތެރޭގައި މަޝްވަރާކުރުމެއް ނެތި އަދި އިދިކޮޅުގެ ބަހެއް ނުހޯދައި ގައުމަށް ގެންނަ ބަދަލުތައް ދެމިނޯންނާނެ ކަމަށް ލަޕީދު ވިދާޅުވި އެވެ. އިޒްރޭލަށް އަޅާލަން ތިބި ގައުމުތަކުގެ ނުރުހުމުގައި އިޒްރޭލަށް އޮތީ ކޮން ހެވެއްތޯ ވެސް ލަޕީދު ސުވާލުކުރެއްވި އެވެ.
އިޒްރޭލުގެ ސަރުކާރާ މިހާރު ދައްކާނެ ވާހަކައެއް، ކުރާނެ ބަހުސެއް ނެތް ކަމަށް އެމެރިކާ ބުނާ ކަމަށް ވެސް ލަޕީދު ވިދާޅުވި އެވެ.
ޝަރުއީ ނިޒާމު އިސްލާހުކުރަން ކަމަށް ބުނެ އިޒްރޭލުން ފަށައިގެން އުޅެނީ ކަމުދާ މަސައްކަތެއް ނޫން ކަމަށް ބުނެ އެމެރިކާގެ ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަމަށްވެސް ކުރީގެ ބޮޑުވަޒީރު ވިދާޅުވި އެވެ.
އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައި އޮތް ޝަރުއީ ނިޒާމު ތާޒާކުރާ ބިލާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން މާޗު މަހު ވިދާޅުވި އެވެ. އެ ބިލް ދޫކޮށްލެއްވުމަށް ބައިޑަން -- ނަތަންޔާހޫއަށް ދެންނެވި ކަމަަށް ލަޕީދު ވިދާޅުވި އެވެ.
ބައިޑަންއަށް ޖަވާބުދެއްވަމުން ނަތަންޔާހޫ ވިދާޅުވީ އިޒްރޭލަކީ މިނިވަން އަދި މުސްތަގިއްލު ގައުމެއް ކަމަށާއި ގައުމަށާއި ރައްޔިތުންނަށް ހެޔޮ ގޮތް އިޚުތިޔާރުކުރުމުގެ ބާރު އޮންނަންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ބެންޖަމިން ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ހައްދުފަހަނަ އަޅާފައިވާ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެންގަވީރު ވެސް ޖޯ ބައިޑަންއަށް ރައްދުދެއްވި އެވެ. އޭނާ ވިދާޅުވީ އެމެރިކާ ދިދާގައި ހިމެނޭ 50 ތަރީގެ ތެރޭގައި އިޒްރޭލު ނުހިމެނޭ ކަމަށެވެ.
އެހެންކަމުން އިޒްރޭލަކީ އެމެރިކާގެ ގާނޫނު ނުހިނގާ -- އެހެނެއް ކަމަކު މިނިވަން ގާނޫނަކުން ހާޖަތުތައް ފުއްދަން ދަންނަ ގައުމެއްކަން އެމެރިކާގެ ރައީސަށް އެނގިވަޑައި ގަންނަވަން ޖެހޭ ކަމަށްވެސް އިތަމާރު ބެންގަވީރު ވިދާޅުވި އެވެ.