ދުނިޔެ

"ފަލަސްތީނަށް މިނިވަން ދައުލަތެއް އޮވެގެން ނުވާނެ"

މެދުއިރުމައްޗަށް ސުލްހަ ގެނައުމަށް ފަލަސްތީނަށް މިނިވަން ދައުލަތެއް މުހިންމު ނޫންކަން އޮކްޓޯބަރު ހަތެއްގައި ޔަހޫދީ އާބާދީތަކަށް ހަމާސްއިން ދިން ހަމަލާތަކުން ދުނިޔެއަށް ކަށަވަރުވާން ޖެހޭ ކަމަށް އިނގިރޭސިވިލާތުގައި ހުންނަވާ ޒަޔަނިސްޓް ޔަހޫދީ ސަފީރު ޒިޕީ ޚޮތޮބެލީ ވިދާޅުވެއްޖެ އެވެ.

ސަފީރު ވިދާޅުވި ގޮތުގައި ފަލަސްތީން މީހުންގެ ވިސްނުމަކީ މުޅި ސަރަހައްދުން ޒަޔަނިސްޓުން ބޭރުކުރުމެވެ. އަދި އެއަށްފަހު އެ ސަރަހައްދަކީ ފަލަސްތީނަށް ޚާއްސަ ދައުލަތެއް އޮންނަ ސަރަހައްދަކަށް ހެދުން ކަމަށެވެ.

އޭނާ ވިދާޅުވީ ދެ ދައުލަތް -- ޒަޔަނިސްޓުންނަށް މިނިވަން ދައުލަތެއް އަދި ފަލަސްތީނަށް މިނިވަން ދައުލަތެއް އޮތުމުގެ މުހިންމުކަން ގެއްލިއްޖެ ކަމަށެވެ.

ފަލަސްތީނަށް މިނިވަން ދައުލަތެއް އޮވެގެން ނޫން ގޮތަކަށް މެދުއިރުމަތި ސުލްހަ ނުކުރެވޭނެ ކަމަށް މުޅި ދުނިޔެ ކަހަލަ ގޮތަކަށް ގަބޫލުކުރެ އެވެ. މިކަން ގަބޫލުނުކުރަނީ -- ފަލަސްތީން ބިންތައް ފޭރިގަނެގެން ތިބި ޒަޔަނިސްޓް ޔަހޫދީންނެވެ.

ފަލަސްތީންގެ ބިންތަކުގައި ގަދަބާރުން ވަޒަންވެރިވެ ތިބެ، ފަލަސްތީނަށް މިނިވަން ދައުލަތެއް އޮންނަން ނުޖެހޭ ކަމަށް ޒަޔަނިސްޓުން ވާކާލާތުކުރަނީ އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ވަކި އަތަކަށް ޖެހިފައި ތިބި ބައެއްގެ ރުހުމާ އެކު އެވެ.

ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއިން މަރުވި މީހުން ގިނަކަމާ ހެދި އެމެރިކާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައި ކަމަށް ސްކައި ނިއުސްއިން ކުރި ސުވާލެއްގެ ޖަވާބުގައި ޒިޕީ ހޮތޮބެލީ ވިދާޅުވި އެވެ. އަދި އިރާގުން އައިސިސް ބޭރުުކުރަން އެރި އެމެރިކާ ސިފައިން މެރި މީހުން އަދި ވަކިން ގިނަ ކަމަށްވެސް ވިދާޅުވި އެވެ.

ޣައްޒާގައި މީހުން ނުމަރާ ވޭތޯ ޒަޔަނިސްޓު ސިފައިން ބަލާ ކަމަށް ސަފީރު ވިދާޅުވި އެވެ. މީހުން މަރުވާން ޖެހޭ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ޓެރަރިސްޓުން -- ހަމާސްގެ ހަނގުރާމަވެރިން އާންމުން ދިރިއުޅޭ ތަންތަނުގައި މަރުކަޒު ހަދައިގެން ތިބުން ކަމަށެވެ.

ހޮތޮބެލީ ވިދާޅުވި ގޮތުގައި ޣައްޒާގައި އިންސާނީ ކާރިސާއެއް ނެތެވެ. އާންމު ރައްޔިތުންނަށް އަމާޒުކޮށް ޔަހޫދީ ޖެޓުތަކުން ބޮން ނާޅާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޮކްޓޯބަރު ހަތަކުން ފެށިގެން ޒަޔަނިސްޓު އަސްކަރިއްޔާއިން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 18،608 މީހަކު ވަނީ މަރުވެފަ އެވެ. މިއީ ޣައްޒާގައި ހަމާސްއިން ހިންގާ ހެލުތު މިނިސްޓްރީއަށް ހިސާބުޖެހިފައި އޮތް ވަރެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޣައްޒާގައި މަރުވި މީހުން 20،000 ފަހަނައަޅާނެ އެވެ. ޔަހޫދީ ޖެޓުތަކުން ބޮންއެޅުމާ ގުޅިގެން ސުންނާފަތިވި އިމާރާތްތަކުގެ ދަށުގައި އަދި ވަޅުލެވިފައި ތިބި އެތައް ބަަޔަކު އަދަދު ނުކުރެވި އަދިވެސް ތިބި ކަމަށް މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ އޮފިޝަލުން ބުނެ އެވެ.