ދުނިޔެ

އިޒްރޭލަށް ބޭނުންޖެހިއްޖެ ކޮންމެ އެހީއެއް ދޭނަން: ޖޯ ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން، އިޒްރޭލުގެ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޯނުކުރައްވައި ހިތްވަރު ކުރެއްވުމަށް ދަންނަވައިފި އެވެ.

މިއީ ފަލަސްތީންގެ ޣައްޒާގައި ގާއިމުވެ ތިބޭ ހަމާސް ޖަމާއަތުން އިޒްރޭލަށް ދޭން ފެށި ކުއްލި ހަމަލާތަކެއްގައި އިޒްރޭލަށް ބޮޑެތި ގެއްލުންތަކެއް ވެފައި ވަނިކޮށް -- ބައިޑަން އިޒްރޭލުގެ ބޮޑުވަޒީރަށް ފޯނުކުރައްވައި ވިދާޅުވި ބަސްފުޅެވެ.

ޖޯ ބައިޑަން ވިދާޅުވި ގޮތުގައި ހަމާސް އަކީ ޓެރަރިސްޓުން ތަކެކެވެ. މި ކަހަލަ ޓެރަރިސްޓުންގެ ކިބައިން އިޒްރޭލު ހިމާޔަތްކުރުމަކީ އެމެރިކާއަށް އޮތް ޒިންމާ އެކެވެ. މިހެންކަމުން އިޒްރޭލަށް ބޭނުން ޖެހިއްޖެ ކޮންމެ ފަދަ އެހީތެރިކަމެއް ފޯރުކޮށް ދެއްވުމަށް އެމެރިކާ ހޭވައްލާ ތައްޔާރެވެ.

އިޒްރޭލުގެ އާންމުންނާއި ސަރުކާރު ދިފާއުކުރުމުގެ ހައްގު އިޒްރޭލަށް އޮންނަންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ބައިޑަން ވިދާޅުވި އެވެ.

ހަމާސްއިން އިޒްރޭލުގެ އާންމުންނަށް ދެމުން ގެންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށްވެސް ބައިޑަން ވިދާޅުވި އެވެ.

ހަމާސްގެ އަސްކަރީ ގޮފިން އިޒްރޭލާ ދެކޮޅަށް އެއްގަމާއި ވަޔާއި އަދި ކަނޑުން އެއްފަހަރާ ދޭން ފެށި ހަމަލާތަކުގައި -- އިޒްރޭލަށް މިއިން ޒަމާނަކުވެސް ދެވިފައި ނުވާވަރުގެ ގެއްލުންތަކެއް ހަމާސްއިން ވަނީ ދީފަ އެވެ.

ރޮއިޓާސް ބުނާ ގޮތުން ހަމާސްގެ ހަމަލާތަކުގައި އިޒްރޭލުގެ 100 އެއްހާ މީހުން ވަނީ މަރުވެފަ އެވެ. އަދި 740 އަށް ވުރެ ގިނަ މީހުން ބޮޑެތި ޒަހަމްތަކާ އެކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.

ބަދަލުހިފުމުގެ ގޮތުން އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި، ފަލަސްތީންގެ 198 މީހުން ވަނީ މަރާލާފަ އެވެ. އަދި 1،600 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

ފަލަސްތީނަށް ކަމޭހިތުމުގެ ބަދަލުގައި އދ އިން ވަނީ ހަމާސްގެ ހަމަލާތައް ކުށްވެރިކޮށްފަ އެވެ. އަދި އިޒްރޭލު ހިމާޔަތްކުރުމަށް ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މާދަމާ ބާއްވާ ގޮތަށް ވަނީ ތާވަލުކޮށްފަ އެވެ.