ދުނިޔެ

ކާބޯތަކެތި ހަތިޔާރަކަށް ނުހެދުމަށް މެކްރޮން ގޮވާލައްވައިފި

ޔުކްރޭން ގޮވާން ޑީލް ހުއްޓުވާލުމަކީ ރަޝިއާ ކުރި ދެރަ ކަމެއް ކަމަށް ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެވެ.

އޭނާ އަދި ވިދާޅުވީ ކާބޯތަކެތި ހަތިޔާރަކަށް ހެދުމަކީ ރަޝިއާ ކަހަލަ ގައުމަކުން ކުރާ ކަހަލަ ކަމެއް ނޫން ކަމަށެވެ.

ބެލްޖިއަމްގެ ވެރިރަށް ބުރުސެލްސްގައި ނޫސްވެރިނާ ވާހަކަދައްކަވަމުން މެކްރޮން ވަނީ ރަޝިއާއަށް ތުހުމަތުކުރައްވައި ފާޑުވިދާޅުވެފަ އެވެ.

މެކްރޮން ވިދާޅުވީ ކާބޯތަކެއްޗަކީ ވެސް ހަތިޔާރުގެ ބާވަތެއް ކަމަށާއި އެއީ ސީދާ އިންސާނުންގެ ފުރާނައާށް އަމާޒުކުރެވޭ ހަތިޔާރެއް ކަމަށެވެ.

ރަޝިއާގެ އަމަކުތަކުގެ ސަބަބުން އެފްރިކާ އާއި އޭޝިއާ އަދި މެދުއިރުމަތީގައި ހާލުގައި ޖެހިފައި ތިބި އެތައް މިލިއަން މީހުން -- މާބޮޑަށް ހާލުދެރަވާނެ ކަމަށްވެސް މެކްރޮން ވިދާޅުވި އެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިްންގެ ފަރާތުން ބަޔަކަށް ހެޔޮކަމެއް ކޮށްދޭނަމަ ގޮވާން ޑީލް ކުރިއަށް ގެންދަންވީ ކަމަށްވެސް މެކްރޮން ވިދާޅުވި އެވެ.

ޔުކްރޭން ގޮވާން ޑީލް ހުއްޓާލަން ޖެހުނު ސަބަބަކީ -- ރަޝިއާގެ ރިޔާސީ ގަނޑުވަރުގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުގައި، އެއްބަސްވުމާ އެއްގޮތަށް ހުޅަނގުގެ ގައުމުތަކުން އަމަލު ނުކުރުމެވެ.

މި އެއްބަސްވުމުގެ ދަށުން ޔުކްރޭނުން ގޮވާން ބޭރުކުރަމުން ދާއިރު ރަޝިއާގެ ބަނދަރުތަކުން ވެސް ގޮވާމާއި ގަސްކާނާ ދުނިޔޭގެ ބާޒާރަށް ބޭރުކުރެވެން ޖެހެ އެވެ. އެހެން ނަމަވެސް ރަޝިއާ ބުނާ ގޮތުން އަދި އަދަށް ދާންދެންވެސް ގޮވާން ޑީލުގެ އެ ޖުމުލަތަކަކަށް އަމަލެއް ނުކުރެވެ އެވެ.

ގޮވާން ޑީލުން ރަޝިއާ ވަކިވުމަށްފަހު ގޮވާން ބަރާކޮށްގެން ކަޅުކަނޑުން ދަތުރުކުރާ އުޅަނދުފަހަރަށް ލިބޭ ގެއްލުމަކަށް ރަޝިއާ ޒިންމާއެއް ނުވާނެ އެވެ. އުޅަނދުފަހަރު ދަތުރުކުރަމުން ދާއިރުވެސް ހަމަލާ ބަދަލުކުރަން ޖެހިއްޖެނަމަ އޮންނާނީ ކުރެވޭ ގޮތަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ގޮވާން ޑީލުން ރަޝިއާ ބޭރުވުމަށްފަހު، ޔުކްރޭންގެ ބަނދަރުތަކަށް މިހާރު ވަނީ ހަމަލާދީފަ އެވެ.

ޔުކްރޭން ގޮވާން ޑީލުގެ ނަމުގައި އެއްބަސްވުމެއް ގާއިމުކުރަން ޖެހުނީ -- ރަޝިއާ، ޔުކްރޭން ހަނގުރާމައިގެ ސަބަބުން ޔުކްރޭންގައި ތާށިވެފައި ހުރި ގޮވާން ޝިޕްމަންޓްތައް -- ކަޅުކަނޑު ހުރަސްކޮށް ދުނިޔޭގެ ބާޒާރަށް ނެރުމަށެވެ.

މި އެއްބަސްވުމުގައި ރަޝިއާ އާއި ޔުކްރޭނުން ސޮއިކުރީީ އދ އާއި ތުރުކީ ހެކިކޮށް، ޖުލައި 22، 2022 ގައި ތުރުކީގެ އިސްތަންބޫލްގަ އެވެ.