ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑްގެ ސަޕޯޓަރުން ދަނޑަށް ޓެނިސް ބޯޅަ އުކައިފި އެވެ.
ސުޓުޓްގާޓް 3-1އިން ބަލިކޮށް ޑޯޓްމުންޑް ޖަރުމަނު ކަޕުގެ ސެމީ ފައިނަލަށް ދިޔަ މެޗުގައި ސަޕޯޓަރުން މިފަދައިން ކަންތައްކުރީ ޓިކެޓް އަގުބޮޑުކުރުމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.
ރަށުން ބޭރުގައި ޓޯޑްމުންޑް ކުޅޭ މެޗެއްގެ ޓިކެޓް މިހާރު ވިއްކަން ހަމަޖައްސާފައިވަނީ 70 ޔޫރޯ އަށެވެ. މިހެންވެ މިކަމާ ހަޅުތާލުކުރުމުގެ ގޮތުން ސަޕޯޓަރުން ރޭގެ މެޗަށް ވަނީ ފުރަތަމަ 20 މިނިޓް ފަހުންނެވެ.
ރޭގެ މެޗުގައި ޑޯޓްމުންޑްގެ ފުރަތަމަ ލަނޑު ޖެހީ މާކޯ ރޮއިސް އެވެ. އޭގެ ފަހުން ޕެޓްރިކް އައުބަމޭ ލަނޑު ޖަހާފައިވަނިކޮށް ތިން ވަނަ ލަނޑު ޖެހީ ހެންރިކް މިކައިތަރިޔާން އެވެ.
ރޭގެ ހަޅުތާލު ރޭވުމުގައި އިސްކޮށްހުރި އެކުލަބުގެ ސަޕޯޓަރަކު ބުނީ މިއީ ކުލަބާމެދު ސަޕޯޓަރުން އަމަލުކުރަން ބޭނުންވާ ގޮތެއްނޫން ކަމަށާއި ނަމަވެސް ޓިކެޓް އަގުބޮޑުކުރުމުން މި ނޫން ގޮތެއް ނެތް ކަމަށެވެ.
ޔޫރަޕުގެ ގައުމުތަކުގައި ދަނޑަށް ވަންނަ ޓިކެޓް އަގުބޮޑުކުރަމުންދާތީވެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވ. މި ގޮތުން އިނގިރޭސި އެފްއޭކަޕުގައި ވެސްޓްހޭމް އަތުން އިއްޔެރޭ ލިވަޕޫލް ބަލިވި މެޗުގައި އެ ޓީމުގެ ސަޕޯޓަރުން ވަނީ މެޗުގެ 77 މެޗު ހިނގުމުން ދަނޑުން ނުކުމެފަ އެވެ. މިހެންވެ ޓިކެޓް އަގު އަލުން މުރާޖައާކުރަން ލިވަޕޫލް ހިންގަމުން އަންނަ އެމެރިކާގެ ފެންވޭ ސްޕޯޓްސް ގްރޫޕުން ވަނީ ނިންމައިފަ އެވެ.