އުލިގަން

އުލިގަމުގައި ހަތިޔާރު ގުދަން ހަދަން އަޑި ނޭނގޭ އެއްބަސްވުމެއް އޮތް: ރައީސް

ހއ. އުލިގަމުގައި ރައީސް ވާހަކަދައްކަވަނީ
0%
0%
0%

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހއ. އުލިގަމުގައި ހަތިޔާރު ރައްކާކުރާ ތަނެއް ނުވަތަ އާމަރީއެއް ހެދުމަށް ބޭރުގެ ބަޔަކާ އެކު ހަދާފައި އޮތީ އަޑި ނޭގޭ އެއްބަސްވުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކެމްޕޭން ދަތުރުފުޅެއްގައި ހއ. އުލިގަމަށް މިއަދު ވަޑައިގެން ރައީސް ވިދާޅުވީ ފަތުރުވެރިކަން ފުޅާކުރެވެން އޮތް އުލިގަމުގައި އާމަރީއެއް ހެދުމަށް ނިމުނު ސަރުކާރުގައި ބޮޑު ބިމެއް ބޭރުގެ ބަޔަކަށް ދިނުމަށް އެއްބަސްވުމެއް ހަދާފައިވާ އޮތް ކަމަށެވެ. އަދި އެއީ "އަޑި ނޭނގޭ" އެއްބަސްވުމެއް ކަމަށް ސިފަކުރައްވާ ރައީސް ވިދާޅުވީ އެ އާމަރީއަކީ ރާއްޖޭގެ އެންމެ އުތުރުން އުލިގަމުގެ ކައިރިން ހުރަސްކޮށް ދަތުރުކުރާ ބޯޓުފަހަރަށް އެހީތެރިވެދިނުމަށް ތައްޔާރުކުރަން ނިންމި ތަނެއް ކަމަށެވެ.

"އެ އެއްބަސވުމުން ނިކުންނަން އަޅުގަނޑުމެންނަށް ވަރަށް ދަތި އުނދަގޫ ކަމަކަށްވި،" އާމަރީ ހަދަން ދީފައި އޮތް ބިން ދައުލަތަށް ނަގައި އެ ބިން އުލިގަމު ކައުންސިލަށް ހަމަޖައްސައިދިނުމަށް ދިމާވި ކަންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ ބިމުގެ މައްސަލަ މިހާރު ހައްލުކުރެވިފައިވީ ނަމަވެސް ބޭރުގެ ކުންފުނިން ބަދަލު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އެކުންފުނިން އެ ތިބީ މައްސަލަ ހިފައިގެން ކޯޓަށްވެސް ދާ ހިސާބުގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާމަރީ އެޅުމަށް ބޭރުގެ ބަޔަކާ އެކު ސޮއިކުރި އެއްބަސްވުމެއް އެ ކުންފުނިން ގެންގުޅުނު ނަމަވެސް ސަރުކާރުގެ އެއްވެސް އިދާރާއެއްގައި އެ އެއްބަސްވުން ނެތް ކަމަށެވެ. އެހެންވެ ބޭރުގެ ކުންފުނިން ގެންގުޅޭ އެއްބަސްވުމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ "އަސްލު މީހާ" ކަން ޔަގީންކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު "އަސްލު މީހާ" އަކީ ކާކު ކަމެއް އެމަނިކުފާނު ވިދާޅުވެފައެއް ނުވެ އެވެ.

ރައީސް ވިދާޅުވީ އާމަރީ އެޅުމަށް ދިން ބިން އުލިގަމު ކައުންސިލަށް ހަމަޖައްސައިދިނުމާ އެކު އެ ތަން ކުއްޔަށް ދީގެން ކައުންސިލަށް އާމްދަނީ ލިބެމުންދާނެ ކަމަށެވެ. އެއީ ފަތުރުވެރިކަން ރަށްރަށުގައި ކުރިއެރުވުމަށް ސަރުކާރުން ސިޔާސަތެއްގެ ތެރެއިން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށްވެސް ވިދާޅުވި އެވެ.

"އިރާދުކުރެއްވިއްޔާ އޭގެ ނަފާ ތިބޭފުޅުންނަށް [އުލިގަމުގެ ރައްޔިތުންނަށް] ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އުލިގަން ބަނދަރުގައި ޔޮޓުތަކެއް: މިއީ މަޝްހޫރު ޔޮޓް ބަނދަރެއް -- ފޮޓޯ: ދެހެކިން ފެމެލީ

ނިމިދިޔަ ސަރުކާރުގައި އުލިގަމުގައި އާމަރީއެއް އަޅަން މޯލްޓާގެ ކުންފުންޏަކަށް ދިން ބިމަކީ 2007 ވަނަ އަހަރު އުލިގަމުގައި ސިޓީ ހޮޓަލެއް އަޅަން އެމްޓީޑީސީއަށް ދޫކޮށްފައި އޮތް ބިމެވެ. ނަމަވެސް 36 ހެކްޓަރުގެ މި ބިން ވަނީ 2014 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

އުލިގަމުގައި 200 މީހުންނާއެކު ޕްރައިވެޓް އާމަރީއެއް ގާއިމްކޮށް އިންޑިއާ ކަނޑުގައި ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަމުގެ ހިދުމަތް ދޭން އުޅޭކަމަށް އެ ދުވަސްވަރު ފެތުރުނު އަޑުތައް އޭރުގެ ސަރުކާރުން އޭރު ދޮގުކުރި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910