އިލެކްޝަންސް ކޮމިޝަން

ރިޔާސީ އިންތިހާބުގެ މޮނިޓަރުންނާއި އޮބްޒާވަރުންނަށް ހުޅުވާލައިފި

އަންނަ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށާއި މޮނިޓާ ކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.

އިންތިހާބު އޮބްޒާވްކޮށް މޮނީޓާކުރުމަށް އެދޭ މީހުން ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

އޮބްޒާވަރުންނާއި މޮނިޓަރުންނަށް ހުށަހަޅާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި 18 އަހަރު ފުރިފައިވާ ދިވެއްސަކަށްވުމާއި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހެއް ކަމުގައި ނުވުން ހިމެނެ އެވެ. އަދި އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަވާލުވެގެން ހުރި މީހަކަށްނުވުންވެސް ހިމެނެ އެވެ.

އިންތިހާބު އޮބްޒާވްކޮށް މޮނިޓާކުރުމަށް އެދޭ މީހުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ އިގުރާރުވާންޖެހެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހުންނާއި އިންތިހާބީ ކުށެއް ސާބިތުވެފައިވާ މީހުންނަށް އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

ރިޔާސީ އިންތިހާބު މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު 604 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވެ އެވެ. ދެވަނަ ބުރެއްގައި ވޯޓުލާން ޖެހިއްޖެނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.