އިލެކްޝަންސް ކޮމިޝަން

ރީ-ރަޖިސްޓްރީވާ މީހުންގެ ލިސްޓު ފުރަތަމަ ފަހަރަށް އާންމުކުރަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރީ-ރެޖިސްޓާވާ މީހުންގެ ނަމާއި ވޯޓުލާ ތަނުގެ ނަން އާންމުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

މިއީ އީސީ އިން ރީ-ރަޖިސްޓާވާ މީހުންގެ ލިސްޓު މިގޮތަށް އޮންލައިންކޮށް އާންކުރާ ފުރަތަމަ ފަހަރެވެ.

ރީ-ރަޖިސްޓާވާ މީހުންގެ ލިސްޓު އީސީގެ ވެބްސައިޓުގައި އާންމުކުރުމުގެ އިތުރުން ސިޔާސީ ޕާޓީތަކާ ހިއްސާކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.

ރީ-ރަޖިސްޓްރޭޝަނަށް ޖުމްލަ ތިން ހަފްތާ ހުޅުވާލި ނަމަވެސް އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމަށް ލިބޭނީ ދެ ހަފުތާ އެވެ. އެހެންކަމުން އޮންލައިންކޮށް ރީ-ރަޖިސްޓާވުމުގެ ފުރުސަތު މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ.

އޮންލައިންކޮށް ރީ-ރަޖިސްޓާވުމުގެ ފުރުސަތު ހަމަވި ނަމަވެސް އޮގަސްޓް ފަސްވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހަޅައިގެން ރީ-ރަޖިސްޓާވެވޭނެ އެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން ރީ-ރަޖިސްޓްރީ ވާން ޖެހޭނީ އެމްބަސީތަކަށް ފޯމު ހުށަހަޅައިގެންނެވެ.

ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވޯޓުލި މީހުން އަންނަ ރިޔާސީ އިންތިހާބުގައި މާލެ ސަރަހައްދުގައި ވޯޓުލުމަށް ރީ-ރަޖިސްޓާވާން ނުޖެހޭނެ ކަމަށެވެ.

ރިޔާސީ އިންތިހާބު މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު 604 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވެ އެވެ. ދެވަނަ ބުރެއްގައި ވޯޓުލާން ޖެހިއްޖެނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުން ކުރިމަތިލުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 އިން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.