ޓޫރިޒަމް

ވޯގް ފްރާންސާ ގުޅިގެން ރާއްޖެ ޕްރޮމޯޓްކުރަން ކެމްޕޭނެއް

ވޯގް ފްރާންސާއި ގުޅިގެން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ހާއްސަ މާކެޓިން ކެމްޕޭނެއް ކުރިއަށް ގެންގޮސްފި އެވެ.

މި ކެމްޕޭން ފެށީ މިދިޔަ މޭ މަހު 30 ވަނަ ދުވަހު އެވެ. ވޯގް މެގަޒިން ޑިޖިޓަލް އަދި ޕްރިންޓް އެޑިޝަންގައި ކުރިއަށް ގެންދިޔަ ކެމްޕޭން ވަނީ އެއް މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންގޮސްފަ އެވެ. މ

ކެމްޕޭންގެ އެންމެ މުހިންމު އަމާޒަކީ ފްރާންސް މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމެވެ.

ވޯގް ފްރާންސް އަކީ އެ ގައުމުގެ މާކެޓުގައި 90 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފެޝަން އަދި އެންމެ ފަހުގެ އެކި ޓްރެންޑްތައް ގެނެސްދޭ ދުނިޔޭގެ އެކި ކަންކޮޅުގައިވެސް މަގުބޫލުކަން ހޯދާފައިވާ މެގަޒިން އެކެވެ. އެހެންކަމުން ރާއްޖެއާ ބެހޭ މައުލޫމާތު ފްރާންސްގެ އާބާދީގެ ބޮޑު ބަޔަކަށް ލިބޭނެ ކަމަށް ؛ލަފާކުރެ އެވެ.

އެމްއެމްޕީއާރްސީން ބުނި ގޮތުގައި ވޯގް މެގަޒިން އޮންލައިންކޮށް އެކި މަންސަތަކުގައި ބަލާ މީހުންގެ އަދަދު 8.9 މިލިއަނަށް އަރަ އެވެ. މީގެ ތެރެއިން 46 އިންސައްތަ މީހުންނަކީ ދަތުރުކޮށް އުޅޭ މީހުންނެވެ. އަދި މި ކެމްޕޭންގެ ސަބަބުން ފްރާންސްގެ ދަތުރުވެރިން ފުރަތަމަ އިހްތިޔާރު ކުރާ މަންޒިލަކަށް ރާއްޖެ ވެގެން ދާނެ ކަމަށް އެމްއެމްޕީއާރްސީ އިން ގަބޫލުކުރެ އެވެ.

މި ކެމްޕޭންގައި ޕްރިންޓް އަދި ޑިޖިޓަލް ބައި ހިމެނުމުގެ ސަބަބުން ރާއްޖެ ވަނީ އެ މަޖައްލާގެ ބޭރު ކަވަރުގައި އިޝްތިހާރުކޮށްފަ އެވެ. މި ކަމުގެ ސަބަބުން ރާއްޖެއަކީ އެންމެ މަގުބޫލު ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ދައްކައިދެ އެވެ. އަދި ޑިޖިޓަލް ކޮމްޕޮނެންޓްގައި ރާއްޖޭގެ ފޮޓޯތައް ވޯގް ފްރާންސްގެ އިންސްޓަގްރާމް އަދި ފޭސްބުކްގައި ޝާއިއު ކުރި އެވެ.

މިކެމްޕޭންގައި އިސްކަންދީފައިވަނީ ރާއްޖޭގެ ލަގްޒަރީ އަދި އާއިލީ ޕްރޮޑަކްޓްތަކާއި ތަޖުރިބާތައް އިޝްތިހާރުކުރުމަށެވެ.

މަދުވެގެން 300،000 މީހުންނަށް މި ކޮންޓެންޓް ފޯރާފައިވާ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ. މިމަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ފްރާންސުން ދިވެހިރާއްޖެއަށް 30.770 ފަތުރުވެރިން އައިސްފައިވެ އެވެ. މި އަހަރު ފަރަންސޭސިވިލާތަކީ ދިވެހިރާއްޖެއަށް އަށްވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ.