ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވަށަފަރު ސިޓީ ހޮޓަލުގެ ބިމުގެ މައްސަލަ ހައްލުކުރާނަން: ރައީސް

ހއ. ވަށަފަރުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށްވާ ސިޓީ ހޮޓަލް އެޅުމަށް ދޫކޮށްފައިވާ ބިމުގެ މައްސަލައަށް ސަރުކާރުން ހައްލެއް ހޯދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކެމްޕޭން ދަތުރުފުޅެއްގައި މިއަދު ވަށަފަރަށް ވަޑައިގެން ރައީސް ސޯލިހް ވިދާޅުވީ އެރަށުގައި ސިޓީ ހޮޓަލެއް އަޅަން ބަޔަކަށް ދޫކޮށްފައިވާ ބޮޑު ބިމެއްގައި އެއްވެސް މަސައްކަތެއް ފަށާފައި ނުވުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް އެމަނިކުފާނު އެރަށަށް ވަޑައިގަތުމުން ސާފުވެއްޖެ ކަމަށެވެ.

"އަޅުގަނޑަށް މަރުހަބާ ކިޔަން ގޮސް ހުރި މީހެއްގެ އަތުގައި އޮތް ބޯޑެއްގައިވެސް އޮތް ސިޓީ ހޮޓެލްގެ މައްސަލަ ހައްލުކޮށްދޭން ލިޔެފަ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސިޓީ ހޮޓާ އެޅުމަށް ދިން ބިމުގެ މައްސަލަ ކޯޓަށް ހުށަހެޅި އެކަމުގައި ކޯޓުން ގޮތްތަކެއް ނިންމާފައިވާ ކަމަށްވެސް އެނގިވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން މިމައްސަލައިގައި ހައްލެއް ހޯދައި ދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.

"ރައްޔިތުންގެ ތި ކަންބޮޑުވުންތަކާ އެކީގައި ޒަމާންތަކެއް ވަންދެން އެ ތަނަށް އަމަލީ ސިފައެއް ނައިސް އޮތުން އެއީ ކަންބޮޑުވާން ޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ވަށަފަރުން މިދިޔަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ލިބިވަޑައިގަތީ މަދު ވޯޓުތަކެއް ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި ވަށަފަރުވެސް މިސަރުކާރުގައި ތަފާތު ނުކުރާނެ ކަމަށެވެ. ވަށަފަރުގައި މިސަރުކާރުން ހިންގާފައިވާ އަދި ހިންގަން ރާވާފައިވާ މަޝްރޫއުތަކަށް ބަލާލުމުން ތަފާތު ނުކުރާކަން އެނގިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ރައްޔިތުން ބޭނުންވާ ކިތަންމެ ކަމެއް އަޅުގަނޑުމެން މިދަނީ ކޮށްދެމުން ނިންމަމުން،" ރައީސް ވިދާޅުވި އެވެ.

ވަށަފަރުގެ ބީޗަކީ ޔޫރަޕުގައިވެސް މިއަދު މަޝްހޫރު ބީޗެއް ކަމަށާއި އެ ބީޗް ބަލާލުމަށްޓަކައި ސީދާ އެ ރަށަށް އެތައް ބަޔަކު ޒިޔާރަތްކުރާ ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ. އެހެންވެ ލޯކަލް ޓޫރިޒަމް އެންމެ ރަނގަޅަށް ކުރިއަށް ގެންދެވޭނެ އެއް ރަށަކީ ވަށަފަރުކަމުގައި ވިދާޅުވި އެވެ.

"ރާއްޖޭގައި އޮތް އެންމެ ރީތި އެއް ބީޗް އޮތީ މި ރަށުގައި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައުމާއެކު ވައުދުވެފައި ވައުދު ފުއްދާ ބަޔަކު ތިބިކަން ވަަށަފަރު ރައްޔިތުންވެސް ބަލައިގެންފައިވާ ކަމަށެވެ. މީގެ ކުރީގެ ސަރުކާރުތަކުން ވަށަފަރުގެ ރައްޔިތުންނަށް ވައުދުތަކެއް ވީނަމަވެސް އެ ވައުދުތަކުގައި އަމަލީ ސިފަ ޖެހިފައި ނެތް ކަން ރައީސް ފާހަގަކުރެއްވި އެވެ.