ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ނުލިބޭ ކަމަށް އެ ކޯލިޝަންގެ އިސް ބޭފުޅުން ޖުމްހޫރީ މައިދާނަށް އެއްވެއްޖެ އެވެ.
ޖުމްހޫރީ މައިދާނުގައި މިވަގުތު ތިއްބެވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އާއި، ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި، ޕީއެންސީގެ ނައިބް ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ހިމެނެ އެވެ.
ޖުމްހޫރީ މައިދާނުގައި ތިއްބެވި ބޭފުޅުން ވިދާޅުވީ އެ ބޭފުޅުން ޖުމްހޫރީ މައިދާނަށް އައީ ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމަށް ދައުލަތުގެ އިދާރާތަކަށް ހާޒިރުވެގެން އެއްވެސް އަލިމަގެއް ނުފެނުމުން އިހްތިޖާޖުކުރުމުގެ ގޮތުން ކަމަށެވެ.
އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ހައިކޯޓުގައި އޮތް ރައީސް ޔަމީންގެ އިސްތިއުނާފް މައްސަލަ މަޑުޖައްސުވާފައި އޮތީ ބަޔަކު ގަސްދު ގައެވެ. މައްސަލަ މިވަގުތަށް މަޑުޖެހިފައިވަނީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމާ ގުޅިގެންނެވެ.
ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ޔާމީން ހަމަޖައްސައި އެމަނިކުފާނަށް ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވެ އެވެ. ނަމަވެސް ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގާފައިވާ ހިޔާނާތުގެ އަމަލުތަކެއް ސާބިތުވުމާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ. މިހުކުމް ހައިކޯޓުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.
އިދިކޮޅުން ބުނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުން ކުރިމަތިލެއްވުމަށް ފޯމު ހުށަހަޅަން ހުޅުވާލުމާ އެކު ރައީސް ޔާމީންގެ ފޯމު ހުށަހަޅާނެ ކަމަށެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން ވަނީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލް ނުކުރަނީސް އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަންނާނެ ކަމަށް ބުނެފަ އެވެ.