ވެރިކަން ލިބިވަޑައިގެންފިނަމަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މީހުންނާއި އެ މީހުންގެ އެހީތެރިންނަށްވެސް ދައުލަތުން ހުރިހާ ހަރަދެއް ހަމަޖައްސައިދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މާލޭގެ ރާނޅުގަނޑު ސަރަހައްދުގައި މިރޭ "35-18"ގެ ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ބައިވެރިވި މީހުންނާ ވީޑިއޯ މެސެޖަކުން މުހާތަބުކުރައްވާ ގާސިމް ވިދާޅުވީ ބޮޑެތި ބަދަލުތަކުގައި ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ބޭނުންވާ އެތައް ދިވެއްސަކު އެބަތިބި ކަމަށެވެ.
ބަލިމީހާގެ ފަރުވާއަށް އާސަންދަ ސަރުކާރުން ހަމަޖައްސައިދިން ނަމަވެސް ބަލިމީހާގެ އެހީތެރިޔާގެ ގޮތުގައި ރާއްޖެއިން ބޭރަށްދާ މީހާގެ ހުރުމާއި ކެއުމުގެ ހަރަދުތައް އާސަންދަ އިން ހަމަޖައްސައެއް ނުދެ އެވެ.
ގާސިމް ވިދާޅުވީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ބޭނުންވާ ބަލި މީހާއާއި އޭނާގެ އެހީތެރިޔާގެ ހުރިހާ ހަރަދެއްވެސް އާސަންދަ އިން ހަރަދުކުރާ ގޮތަށް ހަމަޖައްސައިދޭނެ ކަމަށެވެ. ނަމަވެސް އެކަން ކުރަން ވިސްނާފައިވާ ގޮތުގެ އެއްވެސް ތަފްސީލެއް ހިއްސާކުރައްވާފައެއް ނުވެ އެވެ.
އަމިއްލަ ފަރުދަކު ހަރަދުކޮށްގެން އެންމެ ގިނަ ދިވެހިންނަށް ސިއްހީ ފަރުވާ އަދި ތައުލީމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯއްދަވައިދެއްވި ބޭފުޅަކީ ގާސިމް އެވެ.
ތަޖުރިބާގެ އަލީގައި ގާސިމް ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުންވެސް ތައުލީމު ހޯދުމަށް ބޭނުންވާ ދިވެހިންނަށް އެ ފުރުސަތު ދެއްވާނެ ކަމަށްވެސް މިރޭ ވިދާޅުވެފަ އެވެ. އަދި މަތީ ތައުލީމު ހާސިލްކޮށްގެން ވަޒީފާގެ ބާޒާރަށް ނިކުމެ މަސައްކަތް ކުރަން ކެރޭ ހުރިހާ އެންމެންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ޒުވާނުންނަކީ ތަނަވަސް ބަޔަކަށް ހެދުމަށް އަޅުގަނޑުގެ ސަރުކާރެއްގައި ހުރިހާ ކަމެއްވެސް ކޮށްދޭނަން،" ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ ރިޔާސީ ކެމްޕޭންގެ ސްލޯގަން އަކަށް ހަމަޖައްސާފައިވަނީ "ހާސް ކަނޑާލާ، ހަމަޖެހޭނެ" އެވެ. ނަމަވެސް ގާސިމް ސީދާ ނިކުންނަވައިގެން ކެމްޕޭން ހަރަކާތްތަކެއް އަދި ނުފައްޓަވަ އެވެ. އެކަމަކު ޖޭޕީގެ ޓީމުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކެމްޕޭންގައި ހަރަކާތްތެރިވަމުން އެބަދެ އެވެ.
ޖުމްހޫރީ ޕާޓީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެ ޕާޓީގެ އެންމެ ފަހުގެ ގައުމީ ކޮންފަރެންސްގައި ނިންމީ އެ ކޮންފަރެންސްގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމީ ރިޔާސީ ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކޮށް އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ރައީސް ސޯލިހް ޖޭޕީއަށް ދައުވަތު ދެއްވާފައި ވަނިކޮށެވެ.