ޖުމްހޫރީ މައިދާން ސަރަހައްދުން މިއަދު ހައްޔަރުކުރި ޕީޕީއެމް އަދި ޕީއެންސީގެ އިސް ބޭފުޅުން ތަހުގީގަށް ހާޒިރުވާން އަންގައި ޗިޓް ހަވާލުކުރުމަށްފަހު ދޫކޮށްލައިފި އެވެ.
އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ނުލިބޭ ކަމަށް ބުނެ ޖުމްހޫރީ މައިދާނަށް އެއްވި ބޭފުޅުންގެ ތެރޭގައި އިސްކޮށް ތިއްބެވީ ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އާއި، ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި، ޕީއެންސީގެ ނައިބް ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ އިތުރުން ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ހިމެނެ އެވެ.
މީގެއިތުރުން ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރާއި ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހްމަދު އައިފާންވެސް ހިމެނެ އެވެ.
ޕީޕީއެމްގެ އޮފިޝަލަކު މިރޭ އަވަސްއަށް ވިދާޅުވީ މިއަދު ހައްޔަރުކުރި ބޭފުޅުންނަށް ތުހުމަތުކުރަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާއި އެއްވުން މަނާ ސަރަހައްދަކަށް އެއްވެ އަމާންނަގާލަން އުޅުނު ކަމުގެ ތުހުމަތު ކަމަށެވެ. އަދި ފެށޭ ހަފްތާ ތަހުގީގަށް ހާޒިރުވާން އަންގާނެ ކަމަށް ހައްޔަރުކުރި ބޭފުޅުން މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނުގައިވާ ގޮތުން ގްރީން ޒޯނަކީ އެއްވުން މަނާ ސަރަހައްދެކެވެ.
ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ޔާމީން ހަމަޖައްސައި އެމަނިކުފާނަށް ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވެ އެވެ. ނަމަވެސް ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގާފައިވާ ހިޔާނާތުގެ އަމަލުތަކެއް ސާބިތުވުމާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ. މިހުކުމް ހައިކޯޓުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.