ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފައިސަލް އަކީ އިތުބާރު ކުރެވޭ ބޭފުޅެއް: ރައީސް

ނައިބް ރައީސް ފައިސަލް ނަސީމަކީ އެކުގައި މަސައްކަތް ކުރެއްވުމަށް ވަރަށް ފަސޭހަ އަދި އެހާމެ އިތުބާރު ކުރެއްވޭ ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ނައިބް ރައީސް ފައިސަލްގެ 50 ވަނަ އުފަން ދުވަހާ ގުޅުވައިގެން ރޭ ނެރުއްވި އެމަނިކުފާނުގެ ބަޔޮގްރަފީއަށް ދެއްވި ބަޔާނެއް ގައެވެ.

ރައީސް ވިދާޅުވި ގޮތުގައި ފައިސަލް އާއި އެންމެ ފުރަތަމަ ބައްދަލުވެވަޑައިގަތީ މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުންނެވެ. ހާއްސަ މަޖިލީހުގައި އޭރު ރައީސް ސޯލިހަކީ ޅ. އަތޮޅު މެންބަރެވެ. ފައިސަލް އަކީ ފުވައްމުލައް މެންބަރެވެ.

ރައީސް ވިދާޅުވީ ފައިސަލްގެ އަމިއްލަ ދިރިއުޅުއްވުމުގެ ބައެއް ވާހަކަތަކާއި ދިރިއުޅުއްވުމުގައި ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކާއި ހުރަސްކުރައްވަން ޖެހިވަޑައިގެންނެވި އުނދަގޫތައް ފައިސަލް ވަނީ އެމަނިކުފާނާ ހިއްސާކުރައްވާފައި ކަމަަށެވެ.

"އެ ވާހަކަތަކުން އަޅުގަނޑަށް އެނގުނީ ކާމިޔާބު މީހަކަށް ވުމަށްޓަކައި ފައިސަލް އުފުއްލެވި ބުރައާއި ވެވަޑައިގެންނެވި ގުރުބާނީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ބަޔާނުގައި ވަނީ ފައިސަލް އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ ފައިސަލް އަކީ ކަންކަން ނިންމެވުމުގައި ބަޔަކު ބުނާހާ ގޮތަކަށް އެއްބަސްވުމުގެ ބަދަލުގައި އަމިއްލަ ވިސްނުންފުޅަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު އަދި އެންމެ މަސްލަހަތު ހުރި ގޮތަށް ކަންކަން ނިންމަވާ ބޭފުޅެއް ކަމަށެވެ.

ރައީސް ސިފަކުރެއްވި ގޮތުގައި ފައިސަލް އަކީ ހަވާލުވެވަޑައިގަންނަވާ ކޮންމެ ކަމެއްވެސް ވަރަށް ފަރުވާތެރިކަމާއި ތެދުވެރިކަމާއި އެކު ކުރައްވާނެ ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަން ޝައުގުވެރިވެވަޑައިގަންނަވާ ތެދުވެރި ބޭފުޅެއް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

"ރަހްމަތްތެރިއެއްގެ ގޮތުގައި ބަލައިގަންނަން ވަރަށް ރަނގަޅު އެކުވެރިޔެއް. އަދި އެކުގައި މަސައްކަތް ކުރުމަށް ވަރަށް ފަސޭހަ އަދި އެހާމެ އިތުބާރު ކުރެވޭ ބޭފުޅެއް،" ފައިސަލްއާ ގުޅޭގޮތުން ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ރިޔާސީ ދެވަނަ ދައުރަކަށް ކެމްޕޭން ކުރައްވަމުން ގެންދަވާއިރު އަދި ރަނިންމޭޓަކު ކަނޑައަޅުއްވާފައެއް ނުވެ އެވެ. ނައިބް ރައީސް ފައިސަލް ނަސީމު ވަނީ ރައީސްގެ ރަނިންމޭޓަކަށް ވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.