ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޓަނޭޝަނަލް ޓްރެވަލް ޓްރޭޑް ޝޯ -- ޓީޓީއެމް މޯލްޑިވްސް 2023ގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފި އެވެ.
ޓީޓީއެމް މޯލްޑިވްސްގެ ދަށުން ދެ ދުވަހު މީރުމާ ކޮންފަރެންސް ފެސިލިޓީގައި ޓީޓީއެމް ކަނެކްޓް މީޓިންތައް ބޭއްވުމަށްފަހު އެންމެ ފަހު ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައި ޓީޓީއެމް އެވޯޑްސް އެންޑް ގާލާ ނައިޓް އޮންނާނެ އެވެ.
މިއަހަރުގެ ޓްރޭޑް ޝޯގައި ރާއްޖޭގެ އިންޑަސްޓްރީގެ އެންމެ ފަހުގެ ހިޔާލުތަކާއި ޓްރެންޑްތައް މަޝްވަރާކޮށް، ދެނެގަތުމަށް ޓީޓީއެމްއަށް ޒިޔާރަތްކުރާނެ ކަމަށް ބެލެވޭ 100 އަށް ވުރެ ގިނަ ރިސޯޓް ހޮޓާ އަދި ފާހަގަކޮށްލެވޭ 30 ގައުމެއްގެ 250 އަށް ވުރެ ގިނަ ބޮޑެތި އޮޕަރޭޓަރުން ބައިވެރިވާނެ އެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ޓީޓީއެމް އެވޯޑް އަދި ގާލާ ނައިޓްގައި މިއަހަރު އާ ޝަރަފުވެރި އައު ކެޓެގަރީތަކެއްވެސް އިއުލާނުކުރުމަށް ހަމަޖެހިފައިވެ އެވެ.
ޓީޓީއެމް 2023ގައި ބައިވެރިވުމަށް އެގްޒިބިޓަރުންނާއި ޒިޔާރަތްކުރާ ފަރާތްތަކުން މިމަހު 31ގެ ކުރިން މި އިވެންޓަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންޖެހެ އެވެ.
އުރީދޫ މޯލްޑިވްސް އަކީ މިއަދުގެ ކަސްޓަމަރުންނާއި ވިޔަފާރިވެރިންގެ އިތުރުވަމުންދާ ބޭނުންތަކަށް ފެތޭ ގޮތަށް ވޮއިސް، ޑޭޓާ، ބްރޯޑްބޭންޑް، ކޮންޓެންޓް އަދި އެންޓަޕްރައިޒް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެކެވެ. ދިވެހިންގެ ދިރިއުޅުން މުއްސަނދިކުރުމުގެ ތަސައްވަރާ އެއްގޮތުގެ މަތިން އުރީދޫއިން މަސައްކަތް ކުރަމުންދަނީ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ހިދުމަތްތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މުޖުތަމައުތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށް އުރީދޫ އިން ބުނެ އެވެ.
އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ ޑިޖިޓަލް ސޮލިއުޝަންތަކުގެ ޒަރިއްޔާއިން ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް މަސައްކަތްކުރަމުން އަންނަ ކުންފުންޏެކެވެ. ޑިޖިޓަލް ހަބް، ޑިޖިޓަލް އެންޓަޓެއިންމަންޓް، ޑޭޓާ ސެންޓަ އެންޑް މެނޭޖްޑް ސާވިސަސް އާއި، ކްލައުޑް ސާވިސަސް ފަދަ ކުންފުނިތަކުގެ މަސައްކަތާއި ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ތައްޔާރުކޮށްފައިވާ ޑިޖިޓަލް ސޮލިއުޝަންތަކެއް އެ ކުންފުނިން ފޯރުކޮށްދެ އެވެ.
ޑިޖިޓަލް ސޮލިއުޝަންތަކުގެ އިތުރުން އުރީދޫ މޯލްޑިވްސް އިން ވަނީ ޑެސްޓިނޭޝަން މާކެޓިން ކެމްޕޭނެއް ކަމަށްވާ ވިޒިޓް މޯލްޑިވްސް ނައު ވެސް އިފްތިތާހުކޮށް، 10 ގައުމެއްގެ 117 މިލިއަނަށް ވުރެ ގިނަ މީހުންނަށް ރާއްޖެ މާކެޓްކޮށް ކޮވިޑަށްފަހު ފަތުރުވެރިކަން އަލުން ފެށުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.