ޕޮލިޓިކްސް

ސަރުކާރާ ނުރުހި ވ. އަތޮޅު ކައުންސިލް އިހްތިޖާޖުގައި

ސަރުކާރުން ކައުންސިލްގެ މަސައްކަތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ނުދޭތީ ވ. އަތޮޅު ކަައުންސިލުން އިހްތިޖާޖުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލުމަށް ނިންމައިފި އެވެ.

ވ. އަތޮޅު ކައުންސިލުން މިގޮތަށް ނިންމީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބެންޖެހޭ ބާރުތައް ސަރުކާރުގެ ތެރެއިން ނުލިބި ކައުންސިލްތަކުގެ މަސައްކަތްތަކަށް ސަރުކާރުން އަރައިގަންނަމުންދާ ކަމަށް ބުނެ އެވެ. އެހެންވެ އިހްތިޖާޖުކުރުމުގެ ގޮތުން ކައުންސިލުން ވަނީ ސަރުކާރާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން ހުއްޓާލާފަ އެވެ.

ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ އަވަސް އަށް މައުލޫމާތު ދެއްވަމުން ވ. އަތޮޅުގައި ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިއުލާންކުރެއްވި މަޝްރޫއަކީ ވ. ފޮއްތެޔޮފަޅު ބޭރު މީހަކަށް ވިއްކާލައިގެން ކުރިއަށް ގެންދަން މަޝްރޫއެއް ކަމަށެވެ.

ޝުޖާއު ވިދާޅުވީ ރައީސް ސޯލިހް ވެރިކަން ނިމެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ފޮއްތެޔޮފަޅާ މެދު ސަރުކާރުން ގޮތްތަކެއް ނިންމަމުންދާއިރު އެކަމާ ގުޅޭ މައުލޫމާތު ހޯދުމަށް ކައުންސިލުން އެދުމުން އެއްވެސް މައުލޫމާތެއް ހިއްސާވެސް ނުކުރި ކަމަށެވެ.

"އަޅުގަނޑުމެން މިއީ ވ. އަތޮޅު ރައްޔިތުން ތަމްސީލް ކުރާ އަތޮޅު ކައުންސިލް. އަޅުގަނޑުމެންނަށް އެނގެންޖެހޭނެ މިއަތޮޅުގެ ރަށަކާ މެދު ގޮތްތަކެއް ނިންމާއިރު. ފޮއްތެޔޮފަޅު ވިއްކަނީ ކޮން ބޭނުމެއްގައި ކޮން އަގެއްގައި ކަން އަޅުގަނޑުމެންނަށް އެގެންޖެހޭނެ. އެކަން ކޮށްގެން ރައްޔިތުންނަށް ވަނީ ކޮން ފައިދާއެއް ކަން އަޅުގަނޑުމެންނަށް އެނގެންޖެހޭނެ. މިމައުލޫމާތުތައް އެނގެން ދެން އިހްތިޖާޖު ކުރާނަން،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކައުންސިލުން މުހިއްމު އެކި ކަންކަމުގައި ސަރުކާރުގެ އިދާރާތަކަށް ފޮނުވާފައިވާ ސިޓީތަކަށް ޖަވާބު ނުދޭތާ ވެސް ދެ އަހަރު ވެެއްޖެ ކަމަށެވެ. މިކަމުން އެނގެނީ ސަރުކާރުން ރައްޔިތުން ބޭނުންވާ އެއްވެސް ކަމެއްގައި އެއްބާރުލުން ދޭން ބޭނުން ނުވާ މިންވަރާއި ކައުންސިލްތަކާ ގުޅިގެން ސަރުކާރުން މަސައްކަތް ކުރަން ބޭނުންވާ މިންވަރު ކަމަށްވެސް ވިދާޅުވި އެވެ.

ވ. އަތޮޅުގައި ޓޫރިޒަމްގެ ބިޔަ މަޝްރޫއެއް ފައްޓަވާނެ ކަމަށް ރައީސް ސޯލިހް އިއުލާން ކުރެއްވީ ކެމްޕޭން ދަތުރުފުޅެއްގައި މިމަހުގެ 17 ވަނަ ދުވަހު ވ. ކެޔޮދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.