ޖުމްހޫރީ ޕާޓީ

ޖުމްހޫރީ ޕާޓީން ދޮރުންދޮރަށް ހިނގަން ފަށައިފި

ޖުމްހޫރީ ޕާޓީއިން ދޮރުން ދޮރަށް ހިނގުމުގެ ކެމްޕޭން ހަރަކާތް މިއަދު ފަށައިފި އެވެ.

މި ހަރަކާތް މިއަދު ފެށީ ޖޭޕީގެ މައި އޮފީސް -- މ. ކުނޫޒުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތަކަށްފަހު އެވެ.

ޖޭޕީން މިއަދު ދޮރުންދޮރަށް ހިނގަން ފެށީ މާލޭ ގައެވެ. މިއަދު މިހަރަކާތް ކުރިއަށް ދާނީ މާލޭގެ އެއް ބްލޮކް ގައެވެ.

ޖޭޕީން ބުނީ މާލޭގައި ދޮރުންދޮރަށް ހިނގުމުގެ ހަރަކާތް ކުރިއަށް ގެންދަނީ މާލެ، ވިލިމާލެ އަދި ހުޅުމާލެ 55 ބަޔަކަށް ބަހާލައިގެން ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުން ވެސް ވިދާޅުވި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެންމެ ރަނގަޅު ކެންޑިޑޭޓަކީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ބަދަލުކުރަން ދިވެހި ރައްޔިތުން ބޭނުންވާ ކަމަށާއި އޭގެފަހުގައި ދިވެހިން ބޭނުންވަނީ ގާސިމްގެ ވެރިކަމެއް ކަމަށްވެސް ޖޭޕީގެ އިސް ބޭފުޅުން ވިދާޅުވި އެވެ.

ޖުމްހުރީ ޕާޓީގެ ރިޔާސީ ޓިކެޓް، ގާސިމް އިބްރާހީމަށް ރަސްމީކޮށް ހަވާލުކުރީ މިދިޔަ ޖޫން މަހުގެ ނުވަވަނަ ދުވަހު އެވެ.

ގާސިމްގެ ކެމްޕޭން ޝިއާރަކީ "ހާސްކަނޑާލާ! ހަމަޖެހޭނެ!" އެވެ. ރިޔާސީ އިންތިހާބަށް ގާސިމް ގެންގުޅުއްވަނީ މައިގަނޑު 21 ވައުދެކެވެ.

ޖޭޕީގެ ދޮރުންދޮރަށް ހަރަކާތް މިއަދު ރަސްމީކޮށް ފެށި ނަމަވެސް ޖޭޕީގެ ޓީމުތައް އަތޮޅު ތެރޭގެ ރަށްތަކުގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.