ދަ ޑިމޮކްރެޓްސް

އިލްޔާސް، ޑިމޮކްރެޓުންގެ ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފި އެވެ.

އިލްޔާސް ފޯމު ހުށަހެޅުއްވީ މިއަދު މެންދުރު 1:00 ގައި ޕާޓީގެ މައި އޮފީހުގަ އެވެ.

ފޯމު ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިލްޔާސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެ ޕާޓީއަށް ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

އިލްޔާސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ އިސް ބޭފުޅުންނާއެކު މަސައްކަތް ކުރައްވާނީ ޑިމޮކްރެޓްސް އުފެއްދުމުގެ މަގުސަދުތައް ހާސިލުކޮށް މެންބަރުންގެ އުންމީދުތައް ހާސިލުކޮށްދިނުމަށް ކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އިލްޔާސް ލަބީބު ފޯމު ހުށަހަޅުއްވާފައިވާއިރު ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ މެންދުރު 2:00 އިން ހަވީރު 6:00 އަށެވެ.

އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިއަދު ހަވީރު 4:00 އާ ހަމައަށް ހުޅުވަލާފައިވާއިރު ޕްރައިމަރީގައި ވާދަކުރެއްވުމަށް މިހާތަނަށް ފޯމު ހުށަހެޅުއްވީ އިލްޔާސް ލަބީބު އެކަންޏެވެ.