އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހިތުގައި ޕޭސްމޭކާއެއް ހަރުކުރަނީ އެވެ. މިކަން ކުރުމަށްޓަކައި އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް -- ހިތުގެ ސާޖަރީއެއް ހަދާނެ އެވެ.
އިޒްރޭލު ކަހަލަ ސިއްހީ ދާއިރާ ވަރަށް ކުރިއަރާފައިވާ ގައުމަކަށް އިންސާނެެއްގެ ހަށިގަނޑަށް ޕޭސްމޭކާއެއް ލެއްވުމަކީ -- ބޭސްވެރިކަމަށް ބަލާއިރު އެއްވެސް ފިކުރެއް އޮތް ކަމެއް ނޫނެވެ.
ނަތަންޔާހޫގެ ހަށިގަނޑަށް ޕޭސްމޭކާއެއް މި ލައްވަނީ މިދާކަށް ދުވަހު އޭނާ ޗުއްޓީގައި އުޅުއްވަނިކޮށް ހޭހުސްވެގެން ވެއްޓިވަޑައިގެންނެވި ހާދިސާއަށް ފަހު އެވެ.
އޭނާ އޭރު ވިދާޅުވީ ހޭހުސްވީ ގައިން މާބޮޑަށް ފެން މަދުވެގެން ކަމަށެވެ. އެހެންނަމަވެސް ހިތުގައި ކޮންމެވެސް ކަމެއް ހުރި ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. އެހެންވެ އޭނާ ހޮސްޕިޓަލުން ދޫކޮށްލީ ވިންދު މޮނީޓަރު ކުރުމަށް ކުޑަ އާލާތެއް ގައިގައި ހަރުކޮށްފަ އެވެ.
"ކާޑިއަކް ޕޭސްމޭކާ" ނުވަތަ ހިތުގައި ޕޭސްމޭކާއެއް ހަރުކުރުމުގެ މައިގަނޑު ބޭނުމަކީ ހިތުގެ ހިނގުން އެއްވަރުކުރުމެވެ. ހިތުގައި ވިންދުޖެހުން މާބޮޑަށް ދަށްވުމުންވެސް ޕޭސްމޭކާ ލައްވަ އެވެ.
ޕޭސްމޭކާގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ލޭ ބަރާބަރަށް ޕަންޕުކުރުމަށް ހިތަށް ބާރުއަޅައިދެ އެވެ.
ނަތަންޔާހޫ އަށް ކަމެއް ދިމާވެވަޑައިގެން ބޮޑުވަޒީރުގެ މަގާމު އަދާކުރެއްވުން ތަކުލީފަކަށް ވެއްޖެނަމަ -- ބޮޑުވަޒީރުގެ ޒިންމާތައް އުފުއްލަވާނީ ޖަސްޓިސް މިނިސްޓަރު ޔަވީވް ލެވީން އެވެ. މިހެންކަމުން ޕޭސްމޭކާ ލެއްވުމަށް ހޭނައްތާލަން ޖެހިއްޖެނަމަ ވަގުތީ ގޮތުން ބޮޑުވަޒީރުގެ ޒިންމާތައް ޖަސްޓިސް މިނިސްޓަރު އަދާކުރައްވާނެ އެވެ.
"ޓައިމްސް އޮފް އިޒްރޭލް" ނޫސް ބުނާ ގޮތުން ނަތަންޔާހޫ ހޮސްޕިޓަލުގައި ދޮޅު ދުވަސް ހޭދަކުރައްވާނެ އެވެ. އޭނާގެ ހާލަތާ މެދު ޑޮކްޓަރުންގެ ކަންބޮޑުވުމެއް ނެތް ނަމަ އެއަށްވުރެވެސް އަވަހަށް ދޫކޮށްލާނެ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.
ނަތަންޔާހޫ އެޑްމިޓްކުރާނީ އިޒްރޭލުގެ ސިޓީއެއް ކަމަށްވާ ރަމާލް ގަންގައި ހުންނަ ޝަބާތު މެޑިކަލް ސެންޓަރުގަ އެވެ. މި ސެންޓަރުގައި ބޮޑުވަޒީރަށާއި ސަރުކާރުގެ އިސް ވެރިންނަށް ޚާއްސަ އިނާޔަތްތަކެއް ވަނީ ގާއިމުކޮށްފަ އެވެ.
ބެންޖަމިން ނަތަންޔާހޫ، 73 އަކީ އިޒްރޭލުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ބޮޑުވަޒީރެވެ. އޭނާގެ ސިއްހީ މައްސަލައެއް އުޅޭކަން އެނގިފައެއް ނެތެވެ. އަދި 2016 އަށް ފަހު ނަތަންޔާހޫގެ ސިއްހަތާ ބޭހޭ ގޮތުން އޭނާގެ އޮފީހުން ވާހަކަދައްކާފައެއް ނުވެ އެވެ.
ނަތަންޔާހޫއަށް ބޮޑުވަޒީރުގެ މަގާމު އަދާނުކުރެވޭ ހާލަތަކަށް ހިނގައްޖެ ނަމަ، ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި އޮތް -- ޝަރުއީ ނިޒާމު ޒަމާނީ ކުރުމަށް ހުށަހަޅާފައި އޮތް ބިލު އަނބުރާ ގެނައުމަކީވެސް އޮތް ފުރުސަތެކެވެ.
މި ބިލަކާ ހެދި މުޅި އިޒްރޭލުގެ މަގުތައް ބަންދުކޮށް އާންމުން ދަނީ ހުއްޓުމެއް ނެތި ހަޅުތާލުކުރަމުންނެވެ.