ލައިފްސްޓައިލް

މެސެޖް ކުރާއިރު މި ގޯސްތައް ނަހަދާ!

މިއަދުގެ ދުނިޔެ މިއޮތޯ ތަރއްގީވެފަ އެވެ. ޓެކްނޮލޮޖީގެ ޒަރިއްޔާއިން ހީވެސް ނުކުރާހާ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ. އެހެން ކަމުން އެންމެންވެސް މިއުޅެނީ މި ސްމާޓް ދުނިޔޭގަ އެވެ. ދުނިޔެ ކުޑަވެ ބުނެލަން ބޭނުންވާ ބަސްތައް އަނގައިން ނުބުނެ ލިޔެލާފައި ފޮނުވާލެވޭ ޒަމާނެވެ.

މެސެޖް ކުރުމަކީ މިއަދު ޒުވާނުންގެ ކަށީގައި ހިފާފައި ހުންނަ އާދައެކެވެ. ފޭސްބުކް، ވައިބަރ، ވަޓްސްއެޕް ނުވަތަ ޓެކްސްޓް މެސެޖް ވިޔަސް ކުރުމަކީ މިއަދު ފެޝަނެއް ކަހަލަ އެވެ. އަތުން އެއްޗެއް ލިޔުމަށްވުރެ ޓައިޕް ކޮށްލުން މިއަދުގެ ކުދިންނަށް މިވަނީ މާ ބޮޑަށް ފަސޭހަ އެވެ. އެހެން ނަމަވެސް މެސެޖް ކުރާއިރު މި ގޯސްތައް ގިނަ މީހުން ހަދަ އެވެ.

1. ރިޕްލައި ކުރަން ގިނަ ވަގުތު ނެގުން

މިއީ ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. މެސެޖެއް އަތުވެއްޖެނަމަ ރިޕްލައި ކުރާށެވެ. އެއް މެސެޖް ކޮށްލާފަ އަނެއް މެސެޖް ކުރުމުގައި ގިނަ ވަގުތު ހޭދަވާނަމަ މެސެޖް ލިބޭ މީހާ އަށް ހީކުރެވޭނީ އޭނާ އަށް ވާހަކަ ދައްކަން ބޭނުން ނުވާހެންނެވެ. އިގްނޯ ކުރާހެން ހީވާނެ އެވެ. ފަހަރުގައި އެއީ ބިޒީ ވަގުތަކަށްވެސް ވެދާނެ އެވެ. އެހެން ވިއްޔާ އެވާހަކަވެސް ބުނެލާށެވެ.

2. ދިގު މެސެޖް ފޮނުވުން

ތި ލިޔަނީ މެސެޖެކެވެ. އެސޭ ނުވަތަ މަޒުމޫނެއް ނޫނެވެ. އެހެން ވީމަ ވީހާވެސް ކުރުކޮށް ބުނާށެވެ. މިބުނީ ބުނަން އުޅޭ އެއްޗެއްގެ މާނަ ދޭޙަ ނުވާވަރަށް ސްޕެލިން އަށް ނުބަލާ ލިޔާށެކޭ ނޫނެވެ. ބޮޑު މަޒުމޫނެއްވަރު މެސެޖް ފޮނުވާނަމަ ކިޔަންވެސް ފޫހިވާނެ އެވެ. ތަފްސީލް ބޭނުންވާ ކަމެއްގައިވެސް ވީހާވެސް ކުރުކޮށް ތަފްސީލް ދޭށެވެ. ދިމާވެލާފައިވެސް ބޮޑު ތަފްސީލެއް ދެވިދާނެ އެވެ. ނަމަވެސް "އޯކޭ" ގެ ބަދަލުގައި "ކޭ" ޖަހާފައި ނުފޮނުވައްޗެވެ. މެސެޖް ލިބޭ މީހާއަށް ހީވާނީ މަޖުބޫރުން ހިތް ހަމަނުޖެހިފައި ހުރެ ބުނާ އެއްޗެއް ހެންނެވެ.

3. އިމޯޖީގެ މައްސަލަ

އަބަދުވެސް ތި ދައްކަމުންދާ ވާހަކަ އާއި ގުޅޭ އިމޯޖީއެއް ފޮނުވާލަންވާނެ އެވެ. އެވާހަކައިގެ ތެރެއަށް ވަދެފައިވާކަން އިހުސާސް ކުރެވޭނީ އޭރުންނެވެ. އެކަމަކު މާގިނައިންވެސް އިމޯޖީ ބޭނުން ނުކުރާށެވެ. ލިމިޓެއްގެ ތެރެއިން ބޭނުން ކުރީމަ ރަނގަޅުވާނެ އެވެ. ބައެއް ވާހަކަތައް ބުނުމުގެ ބަދަލުގައި އިމޯޖީންވެސް ބުނެލެވިދާނެ އެވެ.

4. ރިޕްލައި ކުރަން ވަގުތު ނުދިނުން

އޭނާ އަށް ރިޕްލައި ކުރަން ނުދީ މެސެޖްތައް އެއްފަހަރާ ފޮނުވާ ނުލާށެވެ. އޭނާ އަށް ރޕްލައި ކުރަން ވަގުތު ދޭންވާނެ އެވެ. އެހެން ނޫނީ ފޫހި ވާނެއެވެ. ދައްކަމުންދާ ވާހަކަ ނޫން އެހެން ވާހަކައެއް ފެށިއްޖެ ނަމަ މެސެޖް ލިބޭ މީހާ ރިޕްލައި ކުރަންވީ ކޮން މެސެޖަކަށް ކަމެއް ނޭނގޭނެ އެވެ. ތަރުތީބަކުން އެކަންވެސް ކުރާށެވެ.