ފުވައްމުލައް

ފުވައްމުލަކު ޑައިވަރުން ސިޓީ ކައުންސިލްގައި އިހްތިޖާޖުކުރަނީ

ފުވައްމުލަކުގައި ޑައިވަރުން ގޮތުގައި މަސައްކަތް ކުރާ މީހުން އެރަށު ސިޓީ ކައުންސިލް އިދާރާގައި އިހްތިޖާޖުކުރަން ފަށައިފި އެވެ.

ޑައިވަރުން ހިތްހަމަނުޖެހިގެން އުޅެނީ "ފުވައްމުލަކު އިހުތިސާސް ތެރޭގައި ހިމެނޭ ކަނޑުގެ ސަރަހައްދު ފަތުރުވެރިކަމުގެ ބޭނުމަށް މެނޭޖުކުރުމާ ބެހޭ ގަވާއިދދު" ގެޒެޓްކޮށް ފީގަން ނިންމުމާ ގުޅިގެންނެވެ.

ޑައިވަރުން ބުނާ ގޮތުގައި ފީ ނެގުމުގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލް ކުރަންޖެހޭ އެންމެ އަސާސީ ކަންކަންވެސް ނުކޮށް ފީ ނެގުން އަވަސްކުރުމަކީ ބޮޑު ބޭއިންސާފެކެވެ.

އިހްތިޖާކު ކުރާ މީހުން ތިބީ އެމީހުންގެ ކަންބޮޑުވުންތައް ހިމެނޭ ބޯޑުތަކެއް ވެސް ހިފައިގެންނެވެ. ބައެއް މޭޔަރު އިސްމާއީލް ރަފީގުގެ އިސްތިއުފާއަށް ވެސް ގޮވި އެވެ.

ގަވައިދުގައިވާ ގޮތުން ފީ ނެގުމަށްފަހު ފީނަން ދެނީ 15 ދުވަހުގެ ހުއްދަ އެކެވެ. ފީ ނަގަން ހަމަޖެހިފައިވަނީ ރާއްޖެއިން ބޭރުގެ އުޅަނދުތަކުގައި ފުވައްމުލަކަށް ޑައިވްކުރަން ދިވެހިންނަށާއި ރާއްޖޭގެ ވޯކް ވިސާ އޮންނަ މީހުންނަށާއި ސްޓޫޑެންޓް ވިސާ އޮތް މީހުންނަށް ބޮލަކަށް 200 ޑޮލަރާއި ސަފާރީ އުޅަނދުތަކާއި ފުވައްމުލައް ނޫން ތަންތަނުގެ ޑައިވް ސްކޫލްތަކުން އެ ރަށަށް ޑައިވްކުރަން ދާ މީހުންގެ ތެރެއިން މީހަކަށް 20 ޑޮލަރު އަދި ފުވައްމުލަކުގެ ޑައިވް ސްކޫލްތައް މެދުވެރިކޮށް ދާ މީހުންގެ ތެރެއިން ބޮލަކަށް 20 ޑޮލަރެވެ.

މީގެއިތުރުން ރާއްޖެއިން ބޭރުގެ އުޅަނދުތަކުގައި ފުވައްމުލަކަށް ޑައިވްކުރަން ދާ ބިދޭސީންނަށް ބޮލަކަށް 200 ޑޮލަރާއި، ސަފާރީ އުޅަނދުތަކާއި ފުވައްމުލައް ނޫން ތަންތަނުގެ ޑައިވް ސްކޫލްތަކުން އެ ރަށަށް ޑައިވްކުރަން ދާ ބިދޭސީންގެ ތެރެއިން މީހަކަށް 20 ޑޮލަރުާއި އަދި ފުވައްމުލަކުގެ ޑައިވް ސްކޫލްތައް މެދުވެރިކޮށް ދާ ބިދޭސީންގެ ތެރެއިން ބޮލަކަށް 20 ޑޮލަރެވެ.