ކުރިއަ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.
މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަ މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އެތަކެތި އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ.
ކަސްޓަމްސް އިން ބުނި މިމަހުގެ ހަތްވަނަ ދުވަހު ބަލައި ފާސްކުރެވުނު ދެ ޕެކޭޖެއްގެ ތެރޭގައި ހުރި ދެ ޕެކެެޓެއްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.
މިތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރިިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުނެ އެވެ.
މިތަކެތީގެ ބަރުދަނުގައި ޕެކިންއާ އެކު ޖުމްލަ ދެ ކިލޯ ހުރި ކަމަށާއި ތަކެތީގެ މަގުމަތީ އަގު 3.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމުން ވަނީ ބުނެފަ އެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.