ދެކުނު އެފްރިކާގައި އޮގަސްޓް 22 ން 24 އަށް އޮންނަ ބްރިކްސް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ޝަރުގުވެރިވެ ވަޑައިގަންނަވާ ކަމަށް ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮން ޖޫން މަހު އޮތީ ވިދާޅުވެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބްރިކްސް ސަމިޓް މިއަހަރު ބާއްވާ ގައުމުގެ ހައިސިއްޔަތުން ޗެއާމަންގެ މަގާމު ފުރުއްވާ ދެނުކު އެފްރިކާގެ ރައީސް ސައިރަލް ރޯމޯޕޯސާ ދައުވަތު ބައްސައިވައި ނިއްމެވިއިރު ވެސް މެކްރޮންއަށް ދައުވަތު ފޮނުއްވާފައެއް ނުވެ އެވެ.
ފްރާންސަކީ ބްރިކްސް ޖަމާއަތުގައި ހިމެނޭ މެމްބަރު ގައުމެއް ނޫނެވެ. މިހެންކަމުން މި ޖަމާއަތުން ބާއްވާ ސަމިޓްތަކަށް -- މަޝްވަރާ ބައްދަލުވުންތަކަށް އޮޓަމެޓިކުން ދައުވަތު ލިބޭ ގޮތެއް ނޯވެ އެވެ.
މެކްރޮންއަށް އޮތް ހަމައެކަނި ފުރުސަތަކީ އޮބްޒާވަރެއްގެ ހައިސިއްޔަތުން ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމެވެ. އެކަމަކު މިގޮތަށްވެސް ބައިވެރިވެވެން އޮންނަނީ ރަސްމީ ދައުވަތަކުންނެވެ.
ބްރިކްސް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ދުނިޔޭގެ 70 ގައުމަށް ސައިރަލް ރޯމޯޕޯސާ ދައުވަތު ފޮނުއްވި ކަމަށް ޚަބަރުތައް ބުނެ އެވެ. އެހެންނަމަވެސް، ފަރަންސޭސި ރައީސް، އެމެރިކާ އަދި އިނގިރޭސިވިލާތުގެ ލީޑަރުންނަށް ވެސް ދައުވަތު ފޮނުއްވާފައެއް ނުވެ އެވެ.
މި ސަމިޓްގައި އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަން (އާސިއާން) އާއި ކެރީބިއަން ކޮމިއުނިޓީ (ކެރިކޮމް)، ގްރޫޕް އޮފް 77 އަދި ގަލްފް ކޯއޮޕަރޭޝަން ކައުންސިލް (ޖީސީސީ) އިން ބައިވެރިވާނެ އެވެ.
ބްރިކްސް ސަމިޓްގައި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ބައިވެރިވެ ވަޑައިގަންނަވާނީ އޮންލައިންކޮށެވެ. ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން ބުނާ ގޮތުން މި ސަމިޓްގެ ހުރިހާ ސެޝަނެއްގައި ވެސް ޕޫޓިން ބައިވެރިވެ ވަޑައިގަންނަަވާނެ އެވެ.
ބްރިކްސް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ޝައުގުވެރިވެ ވަޑައިގަންނަވާކަން މެކްރޮން ވަނީ ދެކުނު އެފްރިކާގެ ރައީސަށް ދަންނަވާފަ އެވެ. ފަރަންސޭސި ރިޔާސީ ގަނޑުވަރު އެލީސީ ޕެލަސް އިން ވެސް މިކަން ދޮގުކޮށްފައެއް ނުވެ އެވެ.
އެލީސީ ގަނޑުވަރުގެ ތަރުޖަމާން ކަތަރީން ކޮލޯނާ ވިދާޅުވި ގޮތުގައި އޮބްޒާވަރެއްގެ ހައިސިއްޔަތުން ނަމަވެސް ބްރިކްސް ސަމިޓްގައި ބައިވެވެރިވެ ވަޑައިތުމަށް މެކްރޮން ޝައުގުވެރިވެ ވަޑައިގަންނަވަ އެވެ. އަދި މިފަދަ ފުރުސަތެއް ލިބިވަޑައިގެންފިނަމަ މެކްރޮން ދެކުނު އެފްރިކާއަށް ވަޑައިގަންނަވާނެ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.
ބްރިކްސް ސަމިޓް ފެށެން އަދި ދުވަސްތަކެއް އޮތުމުން މެކްރޮންއަށް ދައުވަތު ނުދެއްވާނެ ކަމަށް ގަބޫލުރަން މިވަގުތަށް ދައްޗެވެ.