އައްޑޫ ސިޓީގެ ހިތަދޫ ގެއެއްގައި ރޯވެ މީހަކު ފިހިއްޖެ އެވެ.
މި ހާދިސާގައި އެ ގޭގައި ދިރިއުޅޭ ފިރިހެނަކު ފިހިފައިވާތީ އޭނާއަށް ދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.
ރޭ ފަތިހު ހިނގި މިހާދިސާގައި އަނިޔާވި މީހާގެ އަތާއި ފައި ކޮންމެވެސް ވަރަކަށް ފިހިފައިވީ ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް އެނގިފައިވެ އެވެ.
އަލިފާން ރޯވެފައިވާ ކުޅިބަލާބޭގޭގައި ހުރި ހިފާގެންގުޅޭ ގިނަ ތަކެތި އަނދައި ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
އަލިފާން ރޯވާން ދިމާވި އެއްވެސް ސަބަބެއް ކަމާ ގުޅޭ އިދާރާއަކުން އަދި ހާމައެއް ނުކުރެ އެވެ.
ހިތަދޫގައި ތިބޭ ސިފައިންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ ރޯވިތާ ދޮޅުގަޑިއިރު ފަހުންނެވެ.