އިލެކްޝަންސް ކޮމިޝަން

ފުއާދަށް އިތުބާރު ނެތް ކަމަށް އީސީ އިން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ކޮމިޝަނުން ފާސްކޮށްފި އެވެ.

ކޮމިޝަންގައި ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން ތިން މެންބަރަކު މިމައްސަލައިގައި ފުއާދުއާ ދެކޮޅަށް ވޯޓު ދެއްވި ކަމަށް އެނގިފައިވެ އެވެ. މިބައްދަލުވުމާ ގުޅޭގޮތުން ކޮމިޝަނުން ވާހަކައެއް ނުދެއްކި އެވެ.

ފުއާދުގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހު އޮތް ކޮމިޝަންގެ ބައްދަލުވުމުގައެވެ.

މިބައްދަލުވުމުގެ ނިންމުންތަކާ ގުޅޭ ލިޔުމެއް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ވަނީ އާންމުކޮށްފަ އެވެ. ލިޔުމުގައިވާ ގޮތުން ފުއާދު، ކޮމިޝަންގެ ރައީސްގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކަންތައްތައް ކުރައްވާ ގޮތުން އޭނާއަށް އިތުބާރު ނުކުރައްވާ ކަމާއި ރައީސް ކަމުގެ މަގާމުގައި ހުންނަވަނީ ކޮމިޝަންގެ މެންބަރުންގެ އިތުބާރު ނެތި ކަމަށް ކޮމިޝަންގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފަ އެވެ.

ކޮމިޝަންގެ މެންބަރުންގެ ނިންމުމާ ގުޅޭގޮތުން އަވަސްއަށް ފުއާދުގެ ބަހެއްވެސް ލިބޭ ގޮތެއް ނުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އާއި ނައިބް ރައީސް ހޮވަނީ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ނަމަވެސް ކޮމިޝަންގެ ރައީސް ނައިބް ރައީސް އެ މަގާމުން ވަކިކުރެވޭ ގޮތެއް އިލެކްޝަންސް ކޮމިޝަންގެ ގާނޫނަކު ނޯވެ އެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރަކު، މެންބަރު ކަމުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުން ފާސްކޮށްގެންނެވެ.

ފުއާދަށް އިތުބާރު ނެތް ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ނިންމަވާފައި މިވަނީ އެންމެ ފަހުން އުފެއްްދި ސިޔާސީ ޕާޓީ -- ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކޮށްދިނުމަށް މަގާމުގެ ނުފޫޒު ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް ފުއާދަށް އިތުބާރު ނެތް ކަމަށް ކޮމިޝަންގެ ބައެއް މެންބަރުން ކުރިންވެސް ވިދާޅުވެފައި ވަނިކޮށެވެ.