މިނިސްޓްރީ އޮފް އެޑިއުކޭޝަން

ޓީޗަރުންނަށް ސަރުކާރަށް ފާޑުނުކިޔޭ ގޮތް ހަދައިފި

ރިޔާސީ އިންތިހާބާ ދިމާކޮށް ޓީޗަރުންގެ ސުލޫކީ މިންގަނޑެއް ހަދައި ސަރުކާރަށް ފާޑުނުކިޔޭ ގޮތް ހަދައިފި އެވެ.

ތައުލީމުގެ ގާނޫނުގެ ދަށުން ހަދާފައިވާ މިއުސޫލުގެ ބޭނުމެއްގެ ގޮތުގައި ބުނެފައިވަނީ ޓީޗަރުންގެ އަހްލާގު ހަރުދަނާކުރުމާއި ތައުލީމީ ދާއިރާއަށް އޮންނަ ގަދަރާއި އިހްތިރާމު ދެމެހެއްޓުން ކަމަށެވެ.

ތަފާތުކުރުންތަކާއި ބިރުދެއްކުމާއި ބުލީކުރުން ފަދަ އަމަލުތަކުން ދަރިވަރުންނާއި ތައުލީމީ ދާއިރާގެ މުވައްޒަފުން ރައްކާތެރިކުރުމަކީވެސް މިފަދަ އުސޫލެއްގެ ބޭނުމެއް ކަމަށް ބުނެފައިވެ އެވެ.

ސާދަ މާއްދާގެ މައްޗަށް އެކުލެވޭ މިގަވައިދުގައި ސުލޫކީ މިންގަނޑު ބިނާވެފައިވަނީ މައިގަނޑު އަސާސްގެ މައްޗަށެވެ.

އަސާސްތައް

  • ދަރިވަރުންގެ ކަރާމާތާއި ރައްކާތެރިކަން
  • ތައުލީމީ ދާއިރާގެ އިތުބާރު
  • ދަރިވަރުންގެ ފަރުދީ ތަފާތުތައް
  • ފަންނީ އަދި ރަސްމީ ގުޅުން
  • ތެދުވެރިކަމާއި އިހުލާސްތެރިކަން
  • ޒަމާނާ އެކަށޭނެ އިލްމާއި ފަންނުވެރިކަން

އުސޫލުގައި ބުނެފައިވަނީ ޓީޗަރުން އަމަލުކުރަން ވާނީ އިހްލާސްތެރިކަމާއި ނަޒާހަތްތެރިކަމާ އެކު އަދި ތައުލީމީ ދާއިރާއަށް އޮންނަ އިތުބާރު ދެމެހެއްޓޭ ގޮތަށް ކަމަށެވެ.

މިއުސޫލުގެ ހަތްވަނަ މާއްދާގެ (ދ)ގައި ވަރަށް ސާފުކޮށް ބުނެފައިވަނީ ދައުލަތާއި ސަރުކާރާއި މަސައްކަތް ކުރާ އޮފީސް ނުވަތަ އިދާރާ ބަދުނާމުވާ ފަދަ އެއްވެސް އަމަލެއް ކޮށްގެން ނުވާނެ ކަމަށެވެ.

މީގެއިތުރުން ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ މީހުން މެރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމާއި އޮރިޔާންކާޑު ގެންގުޅުން ފަދަ އެއްވެސް ކުށެއް ކޮށްގެން ނުވާނެ ކަމަށްވެސް އުސޫލުގައިވެ އެވެ.

އުސޫލުގައި ބުނެފައިވަނީ ޓީޗަރުން މަސައްކަތް ކުރަންވާނީ ތައުލީމީ ދާއިރާގެ ތަސައްވުރު ރަނގަޅުވާ ގޮތަށް އަދި ސުލޫކީ މިންގަނޑުން ޓީޗަރުންނަށް މަތިކޮށްފައިވާ ޒިންމާގެ ތެރޭގައި ކަމަށެވެ. އަދި ދަރިވަރާ އެކު ނޭދެވޭ ގުޅުމެއް ބޭއްވުމާއި އިސްލާމްދީނުގެ ހުރުމަތް ކެނޑޭފަދަ އެއްވެސް ކަމެއް ކުރުން މިއުސޫލުގައި ޓީޗަރުންނަށް މަނާކޮށްފައިވެ އެވެ.