އިޒްރޭލުގެ ޝަރުއީ ނިޒާމު އިސްލާހުކުރަން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބިލުގެ ފުރަތަމަ ބައި ހޯމަ ދުވަހު ފާސްކޮށްފި އެވެ.
ގާނޫނު ހަދާ މަޖިލީސް -- ކްނެސެޓުން މި ބިލް މިގޮތަށް ފާސްކުރުމާ ގުޅިގެން، ސަރުކާރުގެ ނިންމުންތައް މުރާޖައާ ކުރުމަށް ސްޕްރީމް ކޯޓަށް މީގެ ކުރިން ލިބިފައި އޮތް ބާރުތައް މިހާރު ވަނީ އުވާލާފަ އެވެ.
ނަތަންޔާހޫގެ ސަރުކާރުން ޝަރުއީ ނިޒާމަށް ބަދަލުތަކެއް މި ގެންނަނީ މި ބަދަލުތަކާ ދެކޮޅަށް އާންމު ފަރުދުން މަގުތަކަށް ނުކުމެ ހަޅުތާލުކުރަމުން ގެންދާތާ ހަފުތާތަކެއް ވެފައި ވަނިކޮށެވެ. މަޖިލީހަށް މި ބިލު ފޮނުވުމާ ގުޅިގެން އެ ސަރަހައްދުގައި އާންމުން 24 ގައިޑިއރު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
މިއީ އިޒްރޭލުގެ ސަރުކާރަކުން އާންމު ފަރުދުންގެ މަސްލަހަތު އޮތް ގާނޫނެއް -- އާންމުންގެ އެތައް ހާސް ބަޔަކާ ދެކޮޅަށް ފާސްކުރި ފުރަތަމަ ފަހަރެވެ.
މި ބިލާ ދެކޮޅު ހެދުމަށް އިޒްރޭލުގެ ކުރީ ސަރުކާރުގެ ވެރިންނާއި ވަޒީރުންވެސް ވަނީ މަގުތަކަށް ނުކުމެވަޑައިގެން އާންމުނަށް ހިތްވަރު ދެއްވާފަ އެވެ.
އަނެއްކޮޅުން އިޒްރޭލަކީ ގައުމެއް ގޮތުގައި ބަލައިގަންނަ -- އެމެރިކާ އަދި ހުޅަނގުގެ ބައެއް ގައުމުތަކުން ވެސް ވަނީ މި ބިލު މިހާރު އޮތްގޮތަށް ފާސްނުކުރުމަށް އިޒްރޭލަށް ގޮވާލާފަ އެވެ.
އިޒްރޭލުގެ ރައީސް އައިސާކް ހަރްޒޮގް އަކީ ވެސް މި ބިލާ ދެކޮޅު ބޭފުޅެކެވެ. އެހެންނަމަވެސް، ސަރުކާރަށް ފާޑުނުކިޔުއްވައި ހުންނެވީ އެވެ.
ބިލުގެ ފުރަތަމަ ބައި ފާސްކުރުމާ އެކެ ސަރުކާގެ ނިންމުންތައް ވީޓޯކުރުން -- ހުއްޓުވާލުމުގެ ބާރު ސްޕްރީމް ކޯޓަށް ގެއްލުނީ އެވެ. މި ނުކުތާ މިގޮތަށް ފާސްކުރުމަށް ބޮޑުވަޒީރު ނަތަންޔާހޫގެ ސަރުކާރަށް ތާއިދުކުރައްވާ 64 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.
އިދިކޮޅުން މި ބިލަށް ވޯޓެއް ނުދެ އެވެ. އަދި ވަކި ފަރާތަކަށް ނުޖެހުމުގެ ގޮތުން ވޯޓުގައި ބައިވެރިވެ ވަޑައިނުގަންނަވާ މެންބަރުން ވެސް ތިއްބެވެ.
އިދިކޮޅު ލީޑަރު ޔައީރު ލަޕީދު ވިދާޅުވި ގޮތުގައި، މި ބިލު ފާސްވުމާއެކު އިޒްރޭލުގައި ބައިބައިވުން އުފެދުނީ އެވެ. އަދި މަޖިލީހުގައި މިގޮތަށް ނަތީޖާ ނުކުތް ސަބަބަކީ ނަތަންހޫ ސަރުކާރުން މަޝްވަރާކުރަން ބޭނުން ނުވުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ބޭނުންވާ ގޮތަށް ޝަރުއީ ނިޒާމަށް ބަދަލުތަކެއް ގެނެސްފިނަމަ އާންމުންގެ މެދުގައި ހަމަނުޖެހުން އުފެދޭނެ ކަމަށް މަސްރަހު ލަފާކުރާ މީހުން ބުނެ އެވެ.
ނަތަންޔާހޫ އަވަސްއަރުވާ ލައްވައިގެން ޝަރުއީ ނިޒާމު ބަދަލުކުރައްވަނީ އޭނާގެ މައްޗަށް އަތުވެދާނެ ހުކުމްތަކަކުން ސަލާމާތްވުން ކަމަށް އިދިކޮޅުން ބުނެ އެވެ. އަދި މިއީ ޝަރުއީ ނިޒާމު ކަނުކޮށްލުން ކަމަށްވެސް ފާޑުކިޔާ މީހުން ބުނެ އެވެ.