މޯލްޑިވިއަން އައިޑޮލްގައި ފޯރިގަދަ ޕިއާނޯ ރައުންޑެއް ކުރިއަށް ދަނީ އެވެ. މި ރައުންޑަކަށް މުޅި ރާއްޖެ އިންތިޒާރުކުރަމުން އައިއިރު ނިމިގެން ދިޔަ ތިއޭޓާ ރައުންޑަކީ ބައެއް ބެލުންތެރިން ރަތަށް އަރުވާލި ރައުންޑެކެވެ. އެ ރައުންޑްގެ ދިލަ ހޫނެއްގައި ޖެހި އެއް ބަޔަކު ފިހުނުއިރު ދެން ތިބި ބަޔަކު ރުޅިގަދަވެގެން އުޅުނީ "ޕާފޯމެންސަކާ ނުލައި" ގަދަ 16 އިން ފުރުސަތު ހޯދި ޝިފާ އިބްރާހިމްއާ ހެދި އެވެ.
އެ އަށް ފަހު މި އަންހެން ކުއްޖަކާ ދިމާއަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ނުގޮވާކަށް އެއްޗެއް ނެތެވެ. ބޮލުގައި ވާޓިކާ ހެއާ ކްރީމް ލައިގެން ފަންކުރުމަށް ވެސް ގޮވާލި އެވެ. އަދި ބައެއް މީހުން ބުނަމުން ދިޔައީ ޝިފާ އަށް ލަވަނުކިޔޭއިރު ވެސް އޭނާ އަށް ގަދަ 16 އިން ފުރުސަތު ދީ އެއަށް ވުރެ ރީއްޗަށް ނުވަތަ މޮޅަށް ލަވަކިޔާ ކުދިން ޝޯ އިން ކަޓުވައިލުމަކީ އެއްވެސް އިންސާފެއް ވެސް ނޫން ކަމަށެވެ.
ބައެއް ޖަޖުންނަށް ޝިފާ މާ ރީތީ ކަމަށް ތުހުމަތުކުރި ބެލުންތެރިން ވެސް އުޅުނެވެ.
ކޮންމެއަކަސް މޯލްޑިވިއަން އައިޑޮލްގެ ޕިއާނޯ ރައުންޑްގެ ފުރަތަމަ ގްރޫޕްގެ ލަވަކިޔުން ރެއާއި އިއްޔެރޭ ކުރިއަށްދިޔައިރު އެންމެން ވެސް ތިބީ ޝޯ އިން ޝިފާ ކަޓައިގެންދާ މަންޒަރު ބެލުމަށް ކެތްމަދުވެފަ އެވެ. އެ އިންތިޒާރަށް ރޭ އެ ވަނީ ނިމުން އައިސްފަ އެވެ.
މޯލްޑިވިއަން އައިޑޮލް އިން ޝިފާ އިބްރާހިމް ކަޓައިގެން ދިޔައީ އެވެ. ހަލާކުވި ޝިފާގެ އަޑަށް މާ ބޮޑު ޝިފާއެއް ނުލިބުނަސް އޭނާ މި ޝޯއަކުން ކަޓައިގެން ދިއުމަކީ ދަނގެތި ރައުންޑުން އަނދައި އަޅިއަށްވި ބެލުންތެރިންގެ ހިތްތަކަށް ލިބުނު ޝިފާއެއްކަން ޔަގީނެވެ. ބިސްކޮލާޓާ އާއި އެކްސެލް އެނާޖީ ޑްރިންކް ގަނެގެން ސޯފާތަކަށް އަރައި އެތިބަ ބެލުންތެރިން ބިނދިބިނދިފައި ކުރި ޓްވީޓްތަކަށް ބަލައިލިޔަސް އެކަން އެނގޭނެ އެވެ.
"އެއޮތް ކެޓީ ޝިފާ. އަޅުގަނޑު މިހައި ހިސާބުން ފެށިގެން މޯލްޑިވިއަން އައިޑޮލް ބަލަން ޖެހޭ ސަބަބެއް މިއީ،" ޝިފާ ކެޓުމުގެ އުފާ ފާޅުކުރަމުން ގޮސް މީހަކު ކުރި ޓްވީޓެއްގައި ރޭ ބުނެފައިވެ އެވެ.
"މި ޝޯއެއްގައި ނުކަޓައި ސަލާމަތުން ހުރެ ފައިނަލަށް ގޮސް މޯލްޑިވިއަން އައިޑޮލް ކާމިޔާބުކުރުމަށް ޝިފާ ކުރަން ޖެހޭހާ ވެސް ކަމަކީ ރޯގާ ޖެހިފައި ހުރި ކަމަށް ހެދިގެން، ލަވަނުކިޔޭ ކަމަށް ހެދިގެން ހުރުން،" އެހެން މީހެއްގެ ޓްވިޓާ ރާގެއްގައި ވެސް ވަނީ ސަމާސާ އެކެވެ.
އެކަމަކު އެނގޭ ހެއްޔެވެ؟ ޝިފާ އަކީ އެންމެ ފަހު ވަގުތާ ހަމަ އަށް ވެސް ގަދައަޅައި މަސައްކަތްކުރި ކުއްޖެކެވެ. މޯލްޑިވިއަން އައިޑޮލްގައި އޭނާގެ ނަން ފަވާލެވިގެންދާނީ ލަވަނުކިޔުނަސް އަދި އަޑެއް ނެތަސް ދެގޮތެއް ނުވާ ހިތްވަރެއް ދެއްކި ކުއްޖެއްގެ ގޮތުގަ އެވެ.
މޯލްޑިވިއަން އައިޑޮލް ކާމިޔާބުކުރެވޭނެ ކަމަށް އޭނާ ގަބޫލުކުރި!
މޯލްޑިވިއަން އައިޑޮލް އިން ކަޓައިގެން ދިޔަފަހުން ޝިފާއާ ގުޅަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތެއް ނުވެފަ އެވެ. އެހެން ނަމަވެސް ޕިއާނޯ ރައުންޑަށް ޒީރޯ ޑިގްރީގެ އެ ހިތްގައިމު ލަވަ ފަރިތަކުރަމުން ދަނިކޮށް ޝިފާއާ ބައްދަލުކޮށް އިންޓަވިއު ނެގުމުގެ ފުރުސަތު ލިބުނެވެ.
އެ ދުވަހުގެ އޭނާގެ ސްޕިރިޓް ހުރީ ވަރަށް ވެސް މަތީގަ އެވެ. އެ އިންޓަވިއުގައި އޭނާ ބުނީ މޯލްޑިވިއަން އައިޑޮލް ކާމިޔާބުކުރުމަކީ އޭނާގެ ހުވަފެން ކަމަށާއި ބަޔަކު ކޮންމެ ގޮތަކަށް ވާހަކަ ދެއްކިޔަސް ޕިއާނޯ ރައުންޑަށް އޭނާ ހޮވެން ޖެހޭނެ ކަމަށް ވެސް ގަބޫލުކުރާ ކަމަށެވެ.
"ތިއޭޓާ ރައުންޑަށް ދިޔައިރު އަޑުހުރި އެއްކޮށް އޯކޭކޮށް. އެކަމަކު ތިއޭޓަ ރައުންޑްގެ ފުރަތަމަ ޕާފޯމެންސަށް އަޑު އެއްކޮށްދިޔައީ. އެއްވެސް ވަރަކަށް އަޑެއް ނާދޭ. ދެން އެ ރައުންޑުގައި ޓްރައިކޮށްލައިގެން އަޅުގަނޑަށް ލަވަކިޔޭނެ ކަމަށް ޖަޖުން ނިންމީ. އަޅުގަނޑަށް ލަވަކިޔޭތީ ނުވަތަ އެ ޕޮޓެންޝިއަލް އަޅުގަނޑުގެ ކިބައިން ފެންނާތީ ޓޮޕް 16 އަށް އަޅުގަނޑު ހޮވާފައި މި ވަނީ،" މިދިޔަ ހަފުތާގައި ދިން އިންޓަވިއުގައި ޝިފާ ބުންޏެވެ.
"ޓޮޕް ސިކްސްޓީން އަށް ހޮވުމަކީ ވެސް އަޅުގަނޑުގެ ހުވަފެނެއް. އެކަމަކު އުއްމީދަކީ މޯލްޑިވިއަން އައިޑޮލް ވިންކުރުން."
މިއީ އޭރު ޝިފާގެ ވާހަކަ ހުރި ގޮތެވެ.
ހަގީގަތުގައި ވެސް ޓޮޕް 16 އަށް ހޮވިގެން ޝިފާ ހުރީ މޯލްޑިވިއަން އައިޑޮލް ކާމިޔާބުކުރުމަށް ކުރިއަށް ވުރެ ވެސް ބޮޑު އުއްމީދެއްގަ އެވެ.
"ފުރަތަމަކޮޅު ވަރަށް ބިރުގަތް. ހީކުރީ ޓޮޕް 16 އިން ނިމިގެންދާނީއޭ. ދެން އިތުރަކަށް ކުރިއަކަށް ނުދެވޭނެއޭ. އެކަމަކު ވޯކަލްސް ޓްރެއިނިން ހަދައި ފަރިތަކުރަން ފެށީމަ މިހާރު ގަބޫލުކުރެވެނީ ހަމަ އެހެން ކުދިން ކިޔާ ގޮތަށް ޝިފޫ އަށް ވެސް އެވަރަށް ކިޔޭނެ ކަމަށް،" ޝިފާ ބުންޏެވެ.
"އިރާދަކުރެއްވިއްޔާ ވިން ވެސް ކުރެވޭނެކަން މި ކޮމްޕެޓިޝަން."
އެކަމަކު ކަން ދިމާކުރިގޮތުން ޝިފާ އަށް މި ދެވުނީ ޕިއާނޯ ރައުންޑާ ހަމަ އަށެވެ.
"މޯލްޑިވިއަން އައިޑޮލް ވިންކުރެވޭނެ ޓެލެންޓް އަޅުގަނޑުގެ ގައިގައި އެބަހުރި. އެއީ މިހާރު ތަމްރީން ވެސް ލިބޭތީ."
މިއީ ޝިފާގެ ހިތްވަރެވެ.
ޕިއާނޯ ރައުންޑްގައި ފާޑުކިޔުންތެރިން ސިއްސުވާލާނެ ކަމަށް ބުނި!
ޕިއާނޯ ރައުންޑުގައި ސްޓޭޖަށް އަރަން ޝިފާ ތައްޔާރުވަމުންދިޔައިރު އޭނާ ބުނަމުން ދިޔައީ ފާޑުކިޔުންތެރިންގެ ވާހަކައިގައި ހަގީގަތެއް ނެތްކަން ސާބިތކޮށްދޭނެ ކަމަށާއި މޯލްޑިވިއަން އައިޑޮލްގައި ޕިއާނޯ ރައުންޑް ފަހަނަޅައި އެއަށް ވުރެ ކުރިއަށް ދެވޭނެކަމުގެ ޔަގީންކަން ވެސް ލިބިފައި އޮތް ވާހަކަ އެވެ.
"ފާޑުކިޔުންތެރިން ދައްކާ ވާހަކައިގައި ހަގީގަތެއް ނެތްކަން އަޅުގަނޑަށް ސާބިތުކޮށްދެވޭނެ،" ޝިފާ އަކީ ޝޯގެ ފެވަރިޓެއް ނޫން ކަމަށް ބުނުމުން އޭނާ ދިން ޖަވާބަކީ މިއީ އެވެ.
"އަޅުގަނޑު ދަންނަވާނީ ދެން އޮތް ރައުންޑުގައި އަޅުގަނޑުގެ ނެކްސްޓް ޕާފޯމެންސް ދިނީމަ މުޅި ޕަބްލިކް ވެސް އަޅުގަނޑު ދެކެ ލޯބިވާނެއޭ އިރާދަކުރެއްވިއްޔާ."
"އަޅުގަނޑު މިހާ ހިސާބަށް އަންނަން ނުޖެހޭ ބުނާ މީހުންނަށް ބުނާނެ އެއްޗެއް ނޭނގޭ އަޅުގަނޑަކަށް. ޝިފޫގެ ހިތު ތެރޭގައެއް ނެތް އެއްވެސް ކަހަލަ ކަމެއް އެއްވެސް މީހަކަށް. އެކަމަކު އެމީހުން ކައިރީގައި ވެސް ބުނެލަން ބޭނުންވަނީ ނެކްސްޓް ރައުންޑުގައި އަޅުގަނޑުގެ ޕާފޯމެންސް ބަލާފައި ޖަޖުކުރާށޭ."
ކުރީގެ ރައުންޑްގައި އަޅުގަނޑުގެ އަޑެއް ނެތް. އަދި ތިން ފަހަރު މި ލަވަކިޔުނީ. އެކަމަކު ބުނެލަން ބޭނުންވަނީ ކުރިއަށް އޮތް ރައުންޑުގައި ފެނިގެންދާނީ މުޅިން ތަފާތު މީހެކޭ. އަޅުގަނޑު އުއްމީދުކުރަނީ ނެކްސްޓް ރައުންޑުގައި ހުރިހާ ނެގެޓިވް ކޮމެންޓްތަކެއް ދާނެ ކަމަށް. އަދި އެންމެން ވެސް އަޅުގަނޑުގެ ލަވަކިޔުމަށް ލޯބިކުރާނެ ކަމަށް."
ޝިފާގެ އުއްމީދު މިފަދަގޮތަށް ލިޔެވިގެން ދިޔަ ނަމަވެސް އޭނާ އާއި މޯލްޑިވިއަން އައިޑޮލްގެ ލޯބީގެ ވާހަކަ އައިސްފައި މި އޮތީ ހިތި ނިމުމެކެވެ.